ރާއްޖޭގައި މިވަގުތުއޮތް ވެރިކަމުގެ ނިޒާމު، (ރިޔާސީ ނިޒާމި) ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ މައްސަލަ ހޯމަ ދުވަހު މަޖިލީހަށް އުށައެޅުމަށް ނިންމާފައިވާކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން އަކަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މައްސަލާގެ ހުރިހާ ލިޔެކިޔުމެއް ތައްޔާރުވެ ބޮޑުބައި ނިމިފައި ވާކަމަށާއި މިއަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ.
”މި މަސައްކަތް މި ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ތާއީދު އޮވެގެން، ގިނަ ރައްޔުތުން މިހާރު ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް، މަޖިލީހުގެ ގިނަ މެންބަރުން ވެސް މިހާރު ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް،“ ޖާބިރު ވިދާޅުވި އެވެ.
އެމައްސަލަ މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުން ދާއިރު ބަރުލަމާނީ ނިޒާމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ތާއީދު ކުރައްވާ ނިޒާމެކެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެކި ފަހަރު މަތިން އެކަމާ ގުޅުން ހުރި ވާހަކަތައް އެމަނިކުފާނު ދައްކަވަމުން ދާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސުޕާރ މެޖޯރެޓީ މަޖިލީހުގެ ތަޅުމުގައި އޮތް އިރު، ރިޔާސީ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ފުރިހަމަ ބާރު ވަނީ ލިބިފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ތާއީދު ކޮށްފައިވަނީ ބަރުލަމާނީ ނިޒާމަށެވެ. އެ ފަހަރު 60 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ކަނޑައެޅުމަށެވެ.