ޤައުމީ އެއާރލައިން މޯލްޑިވިއަން ފުލައިޓް ޗާޓަރުކޮށް މެލޭޝިޔާގެ ކުއާލާލަމްޕޫރަށް ކުރި ދަތުރުގެ ކާގޯ ފައިސާ އެ ކުންފުނިން ދީފައިނުވާ ކަމަށް އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤްގެ ތުހުމަތު މޯލްޑިވިއަނުން ދޮގު ކޮށްފިއެވެ.
ދަތުރަށްފަހު ފިރާޤް ކުރި ޓްވީޓް ރައީސް ޞާލިހާއި މޯލްޑިވިއަންއަށް ޓެގް ކޮށްފައިއެވެ. އެ ޓްވީޓްގައި ވަނީ..“އަހަރެން 50 ކުދިން ގޮވައިގެން މޯލްޑިވިއަން މިއަދު ކުއާލާލަމްޕޫރަށް ކުރި ޗާޓާ ފްލައިޓް ކާގޯ ލާރިކޮޅު އައިލެންޑް އޭވިއޭޝަން އިން ’ވަގަށް ކާލައިފި“ ކަމަށެވެ.
ފިރާޤް ވިދާޅުވީ މޯލްޑިވިއަންއިން މެލޭޝިޔާގެ ކުއަލަލަންޕޫރަށް ކުރި ދަތުރުގެ ކާގޯ ފައިސާ އެ ކުންފުނިން އޭނާއަށް ދީފައިނުވާ ކަމަށް އެނާ ބުވެފައި ވަނިކޮށް އެކަމާއި ގުޅިގެން މޯލްޑިވިއަންއިން ރޭ ކުރި ޓްވީޓްގައި ވަނީ މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް ކަމަށެވެ.
”ޝޯޝަލް މީޑިއާގައި ދައުރުވާ މެލޭޝިޔާގެ ޗާޓާ ފްލައިޓާގުޅޭ ގޮތުން ދަންނަވަން. މެލޭޝިޔާގެ ކުއާލާލަމްޕޫރަށް މި ކުންފުނީގެ ބޯޓެއް ޗާޓަރު ކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް. ފުރަތަމަ މުއާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައެއް ނުވާނެ. އަދި ކާގޯ ގެނައުމާގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރާ އަތުން ނަގާފައެއްވެސް ނުވާނެ،“ މޯލްޑިވިއަނުން މިކަން ހަމަކޮށްފައިވެއެވެ.