ކާށި ތެލަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ބޭނުން ކުރެވެމުން އަންނަ ބާވަތެކެވެ. މިގޮތުން ކެއުމުގެ އިތުރުން އިސްތަށިގަނޑާއި، ހަންގަޑުގައި ކާށި ތެޔޮ ބޭނުން ކުރުމަކީ ފެށުނީއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އައި ކަމެކެވެ.
މިއާއެކު ޒަމާނަށް އައި ބަދަލްތަކާއެކު ދިވެހިންގެ ތެރެއަށް އަގު ބޮޑު ކޮސްމެޓިކް ބްރޭންޑް ތައް ތަޢާރަފްވާން ފެށުމާއެކު ކާށި ތެޔޮ ބޭނުން ކުރުން ދިވެހިންގެ ތެރޭގައި މަދުވެގެން ދިޔައެވެ.
ނަމަވެސް ކާށި ތެލުގެ ފައިދާ ތައް ސައިންސްގެ އަލީގައި ހޯދެން ފެށުމާއެކު ގިނަ ބައެއްގެ ތެރޭގައި މިއަދު މި ތެލަކީ މަޤުބޫލް ތެލެކެވެ. އަދި ދިވެހި ޒުވާނުން މެދުގައި ކާށި ތެޔޮ މަޤުބޫލްވެ، ޒުވާނުން އިސްނަގައިގެން މި ތެލުގެ އުފެއްދުން ތެރިކަން ދަނީ އިތުރު ކުރަމުންނެވެ. ވުމާއެކު ދިވެހި ބާޒާރުގައި މިއަދު ކާށިތެޔޮ ވެފައިވަނީ ވަރަށްވެސް ހިނގާ ދިވެހި ވަންތަ ޕްރޮޑަކްޓަކަށެވެ.
އެގޮތުން މި ލިޔުމުގައި ކާށި ތެލުން ލިބޭ ބައެއް ފައިދާތަކަށް އަލި އަޅުވާލާނަމެވެ.

މޫނުގައި އޮށާޅާ ނެގުމަކީ އާންމުކޮށް ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް ދިމާވާ ވަރަށްވެސް ކަންބޮޑުވާ މައްސަލައެކެވެ. އެގޮތުން ދިރާސާ ތަކުން ދައްކާ ގޮތުން އޮށާޅާ އަށް ކާށި ތެލުން ފަރުވާ ލިބެއެވެ. ސަބަބަކަށް ވަނީ ކާށި ތެލުގައި ހިމެނޭ ފެޓީ އެސިޑް ގައި ލޫރިކް އެސިޑް ނަމަކަށް ކިޔާ ބާވަތެއް އެކުލެވިގެންވުމެވެ. އަދި މި ބާވަތަކީ އޮށާޅައިގައި އުފެދޭ ޖަރާސީމު ނައްތާލުމަށް އެހީތެރިވެދޭ ބާވަތެއް ކަމުން މި ތެލުގެ ފައިދާ ވަރަށްވެސް ބޮޑެވެ. ހަންގަނޑު ކުރަކި ވުމަކީ ސިއްޚަތު ރަނގަޅަށް ހުންނަ މީހުންނަށް ވެސް ދިމާވާ ވަރަށް އާންމު މައްސަލައެކެވެ. އަދި ބާޒާރުގައި ލިބެން ހުންނަ އަގު ބޮޑެތި މޮއިސްޓްރައިޒަރސް ތައް ބޭނުން ކޮށްގެން ވެސް މިކަމަށް ހައްލު ނާންނަ އެތައް ބަޔަކު އެބަ ތިއްބެވެ. މި އަގު ބޮޑު ބާވަތްތަކުގެ ބަދަލުގައި ކާށި ތެލުގެ އަޖުމަ ބަލާލަމާ ހިނގާށެވެ.
ދިރާސާ އަކުން ދައްކާ ގޮތުގައި އެކްޒީމާ ފަދަ ހަމުގެ މައްސަލަ ތައް ހުންނަ 52 މީހުން ލައްވާ ކާށި ތެލާއި ޒައިތޫނި ތެޔޮ ބޭނުން ކޮށްގެން ކުރި ޓެސްޓަކުން ދައްކާ ގޮތުގައި ކާށި ތެލުން ހަމުގެ ކުރަކިކަން އެއްކޮން ފިލާ ހަންގަޑު އުމާން ކުރުމަށް ކާށި ތެޔޮ ބޮޑު ރޯލެއް އަދާ ކުރިއެވެ. މި ނޫނަސް ކާށި ތެލަކީ އެތަކެއް ގިނަ ގުނަ ފައިދާ ތައް އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި ތެލެކެވެ.