ހިޔާ މަޝްރޫޢު އިން ފްލެޓް ލިބުނު ފަރާތްތަކާއި ފްލެޓް ދީފައިވާ ގޮތް ބެލުމަށް ރައީސް ޞާލިހް އުފެއްދި ކޮމެޓީ އިން އަލުން އެކުލަވާލި ލިސްޓު އާންމު ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފްލެޓް އަޅަނީ މާލޭގައި ކަމަށްވާތީ ހާއްސަ ކަމެއް މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ.
އެގޮތުން މިނިސްޓަރ ފާހަގަ ކުރިގޮތުގައި މާލޭގައި ދިރިއުޅޭ މީހާ މާލޭގައި ދިރިއުޅެނީ އޭނާގެ ޗޮއިސް އިން ނޫންކަމަށާއި މާލެ އަށް އުފަންވީތީ މާލޭގައި އުޅެންޖެހެނީއެވެ. އަދި މައިންބަފައިންނަށް ލިބުނު ތަންކޮޅު ބަހަމުން ބަހަމުން ގޮސް ދިރިނޫޅެވޭ ވަރަށް ތަން ކޮޅު ކުޑަވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
މިއާއެކު އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި މާލޭގައި ކުރާ ކަމެއް މާލޭގެ ރައްޔިތުންނަށް ހާއްސަ އިސްކަމެއް ނުދިނުން އެއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށެވެ.
އެގޮތުން މާލޭގެ ރައްޔިތުންނަށް ހާއްސަކުރަން ރައީސް ޔާމީން ގެ ސަރުކާރުން ނިންމި1000 ހައުސިން ޔުނިޓްގެ އިތުރުން އިއްޔެ ފްލެޓް ކޮމެޓީން އާއްމު ކުރި އާ ލިސްޓުން މާލޭ ރައްޔިތުންނަށް ހާއްސަ ކެޓަގަރީ އަށް1772 ހައުސިން ޔުނިޓް ވަނީ އިތުރު ކޮށްފައެވެ.