ގުޅިފައިވާ ކޯލިޝަން ސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށާއި، އަދި ސަރުކާރު ހިންގުމުގައި އިދާރީ ގޮތުން ހިންގުމުގެ ގާބިލުކަން ނެތި ލީޑާޝިޕުގެ އެއްވެސް ކަންފުޅެއްވެސް ނެތުމުން ކަމަށް ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓާރ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓުއީޓުގައި ވިދާޅުވީ ކޮވިޑް-19ގެ ކަންކަން ސަރުކާރަށް މެނޭޖުނުކުރެވުނީވެސް ލީޑާޝިޕެއް ނެތުމާއި އިދާރީ ހިންގުމުގެ ޤާބިލުކަން އެއްވެސް މިންވަރަކަށް ނެތުމުގެ ސަބަބުން ކަމުގައެވެ. އަދި ޑރ.މައުޞޫމު ނަންފުޅު އަނބުރައި ފޮނުވާލުމާ ގުޅިގެން އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައި ނިންމެވި ނިންމެވުންތަކަށްވާނީ ކިހިނެއްތޯވެސް އާދަމް ޝަރީފުވަނީ ސުވާލު އުފައްދަވާފައެވެ.
އެމަނިކުފާނު މިފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ ރައީސް ޞާލިޙު ކެބިނެޓަށް ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވި ޑރ.ޢަބްދުﷲ މައުޞޫމުގެ ނަންފުޅަށް ރުހުން ދިނުމަށް ފާސްކޮށް މަޖިލިހުގެ ކޮމިޓީން ތަޅުމަށް ފޮނުވުމުން ނަންފުޅު އަނބުރައި ކޮމިޓީއަށް ފޮނުއްވުމަށް މަޖިލިހުގެ ރިޔާސަތުން ނިންމެވުމާ ގުޅިގެންނެވެ.
ޑރ. މައުސޫމްގެ ނަން އަނބުރާ ފޮނުވާލަމުން މަޖިލީހުގެ ރައީސް، ވިދާޅުވީ ނަން އަނބުރައި ކޮމިޓީއަށް ފޮނުއއްވަން ނިންމެވީ، ޑރ.މައުސޫމު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމުގެ ހުވައިކުރެއްވިއިރު ވިޔަފާރިއެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވުމުން ކަމަށެވެ.
ޑރ.މައުޞޫމު ޓުއަރިޒަމް މިނިސްޓަރުގެ މަޤާމަށް ހަމަޖެއްސުމާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ކޯލިޝަން ޕާޓީތަކުގެ މެންބަރުންނަށް ވަޒީރުކަން ނުލިބޭ ގޮތަށް ހެދުމަށް އެމްޑީޕީގެ އަސާސީ ޤަވާޢިދަށް އިސްލާހެއްވެސްވަނީ ހުށަހަޅާފައެވެ.