ކޯވިޑް 19 އަށް ހެލްތު މިނިސްޓްރީއިން ކޮށްފައިވާ ހަރަދު ތަކުގެ އޮޑިޓް ރިޕޯޓަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ އަމީން ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ރަސްމީ އީމެއިލް މެދުވެރިކޮށް ޑަބްލިއުއެޗްއޯއާއި ދެކެވިފައިވާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ނޫންކަމަށާއި، އަދި އެއީ ނުރަސްމީ ވާހަކަތަކެއް ވެސް ނޫންކަމަށެވެ. މީގެ އިތުރުން މިނިސްޓާރ އަމީން ވަނީ ތަކުރާރުކޮށް މިއަދުގެ ކޮމެޓީގައި ޑަބްލިއުއެޗްއޯ އާއިއެކު ސިއްރު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި އަމިއްލަ މަންފާއެއް ހޯދަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އަޅުގަނޑު ޕްރައިވެޓް ކަމެއްގައި ދެއްކި ވާހަކަތަކެއް ކަމަކަށް. އެއީ އަޅުގަނޑުގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ ވެންޓިލޭޓަރުތަކެއް ކޮންމެ ގޮތެއްގައިވެސް ގެނައުމަށް ދެއްކި ވާހަކަތަކެއް،“ އަމީން ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ހާލަތު އޮތް ގޮތުން ރިސްކު ނަގައިގެން މަސައްކަތް ކުރަން ބޭނުންވި ކަމަށާއި، ނަމަވެސް އެކުރެވުނު މަސައްކަތުންވެސް މިއަދާއި ހަމަޔަށްވެސް ބައެއް ވެންޓިލޭޓަރުތައް ނުގެނެވި ހުރިކަން ގަބޫލު ކުރައްވާކަމަށެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމުގައި ”ވައްކަމެއް“ ކޮށްފައި ނޯންނާނެ ކަމަށް އަމީން މިއަދު ވިދާޅުވިއެވެ. އެކަމުގައި ހެލްތު މިނިސްޓްރީން މަސައްކަތް ކޮށްފައި ވާނީ ރާއްޖޭގެ ހާލަތަށް ބަލާ ހެޔޮ ނިޔަތުގައި ކަމަށާއި ވެންޓިލޭޓަރުތައް ގެނައުމުގައި ވައްކަން ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު އަމީނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވެންޓިލޭޓަރު ގެންނަން ދުބާއީގެ ހަވާލު ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިމެނޭތީ އެ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ. އަދި އެކަމުގެ ތުހުމަތު މިނިސްޓަރ އަމީން އަށް ކުރެވޭތީ އެމަނިކުފާނު ވަނީ ވަޒީފާގެ މައްސޫލިޔަތުން އަމިއްލަފުޅަށް އެކަހެރިވެފައެވެ.