ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫގެ ފްލެޓު ލިބުން ކަމުގެ ލިޔުން ލިބި، މިއަދުގެ ސަރުކާރުން އާއްމު ކުރި ލިސްޓުގައި ނަން ނެތް ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ދިނުމަށް އިކުއިޓީ ޗެމްބާރސް އިން ނިންމާފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގެން މަސައްކަތް ކުރައްވާ އަހުމަދު ޝިޔާޒް ހިމެނިވަޑައިގެންނަވާ ލޯފާމުން މިއަދު ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ، ފްލެޓް ލިބުނު ކަމުގެ ލިއުން ކުރީގެ ސަރުކާރުން ދީފައިވާ މީހުންނާއި އޭރު ގެޒެޓްކުރި ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން މިފަހަރުގެ ލިސްޓުން އުނިކޮށްފައިވާ މީހުން ”އިންސާފު ހޯދައިދޭން“ ހިލޭ ސާބަހަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން ކުރިމަތިލައި ޝަރުތު ހަމަވެ ލިސްޓަށް ނަން އެރި މީހުންގެ ތެރެއިން މި ސަރުކާރުގެ ލިސްޓުގައި ނަން އުނިކޮށްފައިވާ މީހުން އެ ލޯފާމަށް މައުލޫމާތު ހިއްސާކުރަން އެތަނުން އެދެ އެވެ.
ފްލެޓް ކޮމިޓީން މިދިޔަ ހޯމަދުވަހު ވަނީ ހަތަރު ކެޓަގަރީއެއްގެ ލިސްޓު އިއުލާންކޮށްފަ އެވެ. ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓާއި އަލުން އިވެލުއޭޓްކުރުމުން ލިބުނު ޕޮއިންޓް އެނގޭ ގޮތަށް އިއުލާންކޮށްފައިވާ އެ ލިސްޓުގައި ބޮޑެތި ފަރަގު ހުއްޓެވެ. ކޮމިޓީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފަ އެވެ.
ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓްކޮށް، އެ ލިސްޓުގައިވާ ގިނަ ބަޔަކަށް ވަނީ ފްލެޓް ލިބިފައިވާ ކަމުގެ ލިއުން ދީފަ އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އެ މިނިސްޓްރީން ދޫކޮށްފައިވާ ލިއުމަކީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި ފްލެޓް އަތުލައިފި ނަމަ ކޯޓަށް ދެވޭނެ ކަމަށްވެސް ޝިޔާޒްވަނީ ވިދާޅުވެފަ އެވެ.