އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވާންފަށާފިއެވެ. މިވަގުތާއި ހަމަޔަށްވެސް 300،000 އޭކަރަށް ވުރެއް ބޮޑު ސަރަހައްދެއްގައި ވަނީ ހުޅު ހިފާފައެވެ. މިއީ ކެލިފޯނިއާގެ ތާރީހުގައިވެސް މިވަރުގެ އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.
މިހާތަނަށް އަލިފާނުގެ ހާދިސާގައި 7 މީހަކު މަރުވެ ގިނަބަޔަކު ފިހިފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓިކޮށްފައެވެ. އަދި ޖަންގައްޔާ ކާރި ހިސާބުގައި ދިރިއުޅެމުން ދިޔަ އެތައް އާއިލާތަކެއް ވަނީ އެހިސާބު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. މިހާތަނަށް އެއަވަށުން 900 އެއްހާ އިމާރާތް ވަނީ މިކާރިސާގެ ސަބަބުން ބިމާ ހަމަވެފައި ކަމަށްވެސް ބޭރުގެ ހަބަރުތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
ކެލިފޯނިއާގެ އޮފިޝަލުން ބުނާ ގޮތުގައި ކޮވިޑް-19 ކެލިފޯނިއާގައި ހަލުވިކަމާއި އެކު ފެތުރެމުން ދާތީ އަލިފާނުގެ ސަބަބުން ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރުމުގައި ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެންމެ ބޮޑަށް އަލިފާނުގެ ނުރައްކާ އޮތް ބޭއޭރިއާ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު ވެސް އިތުރެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރު ގެއްލޭ މީހުންނާއި ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބައިތިއްބަނީ ސްޓޭޑިއަމްތަކާއި ކުޅިވަރު އެކުވެނިތަކުގައެވެ. ނަމަވެސް ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާ މީހުން ތިބި ކޭމްޕްތަކުގައި މިހާރު އޮތީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އެމީހުން ގާތް ގާތުގައި ދިރިއުޅެން މަޖުބޫރު ވެފައި ވުމުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.