ޔުނިވާރސިޓީ އޮފް ކެމްބްރިޖް އިން އުފައްދާފައިވާ ވެކްސިންއަކީ ކޮރޯނާ ވައިރަހުގެ ހުރިހާ ވައްތަރަކާއި ދެކޮޅަށް ބޭނުން ކުރެވޭނެ ވެކްސިންއެއް ކަމުގައި އެ ޔުނިވާރސިޓީ އިން ބުނެފިއެވެ.
”ޑައިއޮސް ކޯވެކްސް-2“ ގެ ނަމުން ނަން ދެވިފައިވާ މި ވެކްސިންއަކީ، ހުރިހާ ކޮރޯނާ ވައިރަހެއްގެ ޖެނެޓިކް ސީކުއެންސްއާއި ގުޅޭނެ ވެކްސިންއެއްކަމުގައި އެ ޔުނިވާރސިޓީއިން ވަނީ ބުނެފައެވެ. އަދި ވާލުގެ ޒަރީޢައިން ޖެހޭ ކޮރޯނާ ވައިރަހަށްވެސް މި ވެކްސިން ބޭނުން ކުރެވޭނެކަމަށް ވަނީ މަޢުލޫމާތު ދީފައެވެ.
މި ވެކްސިންއަކީ އިންޖެކްޝަން ސިރިންޖަކުން ހަށިގަނޑުގެ އެތެރެއަށް ފޮނުވާލާ ވެކްސިންއެއް ނޫން ކަމަށާއި ސިރިންޖު ކަށްޓަކާއި ނުލާ ސްޕްރިންގް ޖެޓް އިންޖެކްޝަންއެއް ކަމުގައިވެސް މި ޔުނިވަރސިޓީއިން ވަނީ ބުނެފައެވެ.
އެ ޔުނިވަރސިޓީގެ ލެބޮރެޓޮރީ އަދި ޒޫނޮޓިކްސްގެ ވެރިޔާ ޕްރޮފެސަރ ޖޮނަތަން ހީނީއާއި އޭނާގެ ޓީމުންވަނީ ކޮމްޕިޔުޓަރުން މި ވައިރަހުގެ އެންޓިޖެން އެންކޯޑުކޮށް އިންސާނާގެ ހަށިގަނޑަށް މި ވެކްސިން އެތެރެވުުމުން ވާނޭ ގޮތް ދިރާސާކޮށް ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަހައްދަށް މި ވެކްސިންގެ އަސަރު ފޯރުކޮށް، ވައިރަހާއި ދެކޮޅަށް މަސައްކަތްކުރާ އެންޓި ބޮޑީސް އުފައްދާ މިންވަރުވެސް ދެނެގަނެފައެވެ.
މި ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ވައިރަސް އިތުރުވުމުން ދުރުކޮށްދިނުމާއި، އުފެދިފައިވާ ވައިރަސްތައް ނައްތާލައެވެ. ޑައިއޮސް ކޯވެކްސް-2 ގެ އިންސާނުންގެ ގަޔަށް ޖަހައިގެން ތަހުލީލުކުރުން މި އަހަރުގެ ފަހު ކޮޅުގައި ކުރިއަށް ދާނެކަމަށް ބުނަމުންދާއިރު، މިއީ އިނގިރޭސިވިލާތުގެ ސަރުކާރުން މާލީ ގޮތުން ވެކްސިންއެއް ހެދުމަށް އެހީތެރިވާ ހަމައެކަނި ވެކްސިންއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މި ވެކްސިންއަށް 1.9 ބިލިއަން ޕައުންޑްސް ޚަރަދުކޮށްފައިވެއެވެ.