މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިރިއުޅެމުން ދިޔަ މީހުންގެ ގެތަށް ހަލާކު ވުމުގެ ސަބަބުން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލު ކުރި މީހުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެތަން ދޫކޮށް ނުލާފިނަމަ އެތަނުން ބޭރު ކުރާނެ ކަމަށް ބުނެފިއެވެ.
ހެންވޭރު ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ސެޕްޓެމްބަރު 2019ގައި ހިނގި އެ ހާދިސާ އަށް އަހަރެއް ވާން ކައިރިވެފައިވާ އިރު، ކޮވިޑްގެ ހާލަތާ ގުޅިގެން ސަރުކާރުން ވަނީ އެ އާއިލާތައް ގާކޮށީގައި ތިބުމުގެ މުއްދަތު އިތުރުކޮށްދީފަ އެވެ. އެކަމަކު ރައީސް އޮފީހުގެ ލަފާގެ މަތިން އެންޑީއެމްއޭ އިން މިހާރު ވަނީ އޭގެ ތެރެއިން ފަސް ގޭބިސީއެއްގެ ގާތްގަނޑަކަށް 23 މީހުން މި މަސް ނިމެންވާ އިރަށް އެ ތަނުން ނުކުންނަން އަންގައިފަ އެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި އެ އެންގުމާ އެއްގޮތަށް މިހާތަނަށް ގާކޮށިން ނުކުތީ ހައެއްކަ މީހުން ތިބި އެންމެ އާއިލާއެކެވެ. އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންގެ ގެތައް ހަދަން ބޭނުންވާ ފައިސާގެ ވަކި ވަރެއް ސަރުކާރުން ދިނުމަށް ފަހު، ވަކި މުއްދަތެއްގެ ތެރޭގައި ގެ އަށް ބަދަލުވާން ޖެހޭނެކަން އަންގަފާއި އޮތް ނަމަވެސް އެ މީހުން މިހާރު ތިބި ގާކޮށި ފްލެޓްގެ އެޕާޓްމެންޓްތަކުން ނުކުތުމުގެ ވިސްނުމެއް ބައެއް އާއިލާތަކުން ނުގެންގުޅޭ ކަމަށެވެ. އެހެންވެ، އެ މީހުންނަށް ވަނީ މި މަހުގެ ނިޔަލަށް ފަހު ފުރުސަތު ދީފައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި މިދިޔަ މަހުގެ ނިޔަލަށް މި އާއިލާތަކަށް ގާކޮށީގެ އެޕާޓްމެންޓުތަކުގެ ކަރަންޓު ބިލާއި ފެން ބިލާއި މެއިންޓެނެންސް ފީ ދައްކައިދިނީ ވެސް ސަރުކާރުންނެވެ. އަދި އެ އެޕާޓްމަންޓްތަކަށް ބޭނުންވާ ފަރުނީޗަރާއި ދިރިއުޅުމުގެ ޒަރޫރީ އެހެނިހެން ތަކެތި ވެސް އެންޑީއެމްއޭ އިން ފޯރުކޮށްދިފައިވާނެ ކަމަށް އެ ތަނުން ބުންޏެވެ.