އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޕާކާއި އިރުމަތީ ފަރާތުގެ އެރައިވަލް ޖެޓީ މަރާމާތު ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓާރ ވިދާޅުވީ، 9.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާ މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އަށް އަންނަ ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، މި ދެ މަޝްރޫއު ވެސް ހިންގާނީ އެޗްޑީސީން ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ މަޝްރޫއަށް ފައިސާ ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައި ދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވަނީ ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާގެ ސަރުކާރާއި ރާއްޖެއާ މެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އިންޑިއާ އިން ވަނީ ރާއްޖޭގައި މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ނިންމައިފައެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ބްރިޖާއި ގުޅީފަޅުގައި ހަދާ ޕޯޓާއި ހދ. ކުޅުދުއްފުށި އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއު އާއި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.