ފުވައްމުލަކު ސިޓީގައި އިމާރާތް ކޮށްފައި ހުރި 200 ފްލެޓުގެ ތެރެއިން ބާކީ ހުރި 40 ފްލެޓަށް ކުރިމަތި ލުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލާފިއެވެ.
ފްލެޓްތަކުގެ ތެރެއިން ބާކީހުރި A ކެޓަގަރީގެ (ފުވައްމުލަކު ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ) 40 ފްލެޓާއި، B ކެޓަގަރީގެ (ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ) 7 ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާ ކަމަށް އެސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ. އަދި ފުރުޞަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ، ކުރިން ކޮށްފައިވާ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުޠުހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ފޯމްތައް މިފުރުޞަތުގައި ހިމެނުމަށް ބޭނުންވާނަމަ އެކަން ސިޓީއަކުން އެކަން ހުށަހެޅުން އެދޭ ކަމަށާއި، އަދި އެ ފޯމްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމް ހުށަހެޅުމަށް އެދޭ ކަމަށް ބުނެފައި ވެއެވެ.
ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިޔަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން ކަމަށް އެ އިއުލާނުގައި ވެއެވެ.