ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މާދަމާ މުޒާހަރާ ކުރަން ނިންމާފައިވާތީ، ފުރަބަންދަކަށް ދިއުމަށް ރައީސް ސޯލިހު ރާވަމުން ގެންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، މާދަމާ އިދިކޮޅު ފަރާތްތަކުން ”ގައުމު ވިއްކާލުމާއި ދެކޮޅަށް“ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާ އިހުތިޖާޖު ކުރަން ނިންމާފައިވާތީ އެކަން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލޮކްޑައުން އަކަށް ދާން އުޅޭ ވާހަކަތަކެއް އަޑުއިވޭ ކަމަށެވެ. ރައްޔިތުން ގެއަށް ވެއްދުމަށް ފަހު ސަރުކާރުން ކުރާ ކަންކަން ރައްޔިތުން އިނގޭ ކަމަށާއި ރައްޔިތުން ދެން މަޑުން ނުތިބޭނެ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މާލެ ފިޔަވާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވަނީ، ބޭރުގައުމު ތަކުން ނަގާ ލޯނު ތަކުގެ ސަބަބުން ގައުމު އަޅުވެތި ކަމަށް ދާނެކަމަށް ބުނެއެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ މުދުވަސް ވަރަކީ ގިނަމީހުން އެއްވެގެން ހަރަކާތްތައް ހިންގަން ވީވަގުތު ނޫންކަމަށާއި، މިދަނޑިވަޅުގައި މުޒާހަރާ ކުރުމަށް ހުއްދަ ނުދޭނެކަމަށެވެ.
މިދަނޑިވަޅުގައި އިދިކޮޅުން މުޒާހަރާ ކުރަން ނިންމާފައި މިވަނީ ރާއްޖޭގައި ހަލުވިކަމާއި އެކު ކޯވިޑް 19 ގެ ނުރަތްކާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ބަލި ފެތުރިފައިވާ ރައްތަކުގައި، ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށް، މާލެސިޓީގެ ހުރިހާ ރަށެއްގައި ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 05:00 އަށް މަގު މަތީ މީހުން ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.