މިއަދު ގައުމު ހިންގުމާއި ހަވާލުވެ ތިބި ފާރާތްތަކުގެ ނުކުޅަދާނަ ކަން ފެންނަމުންދާ ކަމަށާއި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައް އަދުގެ ސަރުކާރަށް ނުކޮށްދެވޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކުން ރާއްޖޭ ވިއްކާލުމާއި ދެކޮޅަށް ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު މިފެންނަމުން ދަނީ ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ސަރުކާރުގެ ނާގާބިލް ކަމާއި، ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ރައްޔިތުންނަށް ލިބެމުންދާ ގިނަގުނަ ގެއްލުންތަކުގެ ވާހަކަ ޒުވާނުން ދައްކާ މަންޒަރު ކަމަށެވެ. އަދި މިހާރު ފެނިގެން ދަނީ ރައްޔިތުން އެކަންކަމާއި ހިތްހަމަނުޖެހިފައި ތިބި ވަރު ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
”ރާއްޖެއަށް މި ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، ރާއްޖޭގެ ރައްޔިތުން އެންމެ ނިކަމެތިވި ދަނޑިވަޅުގައި ފެންނަމުން މި ދަނީ ސަރުކާރުން އަދާ ކުރަން ޖެހޭ ވަޒީފާ، ސަރުކާރުގެ ވާޖިބް ނުކުރޭވޭތަން. ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި، ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ނުކުރެވޭތަން، ރައްޔިތުންނަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރު ނާގާބިލުވެ ނުޅެދިފައިވާތަން މިހާރު މި ފެންްނަނީ“. ޑރ. ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ކެއް ނުވާނެ ކަމަށާއި، މިއަށްވުރެ ރަނގަޅަށް ސަރުކާރުން ކަންތައް ކުރަން ޖެހޭނެ ކަމަށެވެ.
ޑރ. ވަހީދު ވިދާޅުވީ، ފެންނަމުން ދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަ ތަން ކަމަށެވެ. އަދި އެ ފައިސާ ހުސްވެގެން ދިޔައީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވެ ކަމަށް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.