އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ އެންގުތަކާ ހިލާފުވެފައި ވާތީ އެމައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އެއްވުމުގައި ރާއްޖެ ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތާ އެކު އެކަން ހުއްޓާލުމާއި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ވަނީ ގޮވާލައިފަ އެވެ. ރާއްޖެއަށް މިހާރު ދިމާވަމުންދާ ހުރިހާ މައްސަލައެއްގެ ޖުމްލަ ހައްލަކީ ޔާމީންކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް، އެ އެއްވުމުގައި ބައިވެރިން ގޮވާލި އެވެ.
މުޒާހަރާއާއި ގުޅިގެން ފުލުހުން ވިދާޅުވީ މިއަދު މާލެގައި ބޭއްވުނު އެއްވުމުގެ ބައިވެރިން، ކޯވިޑް 19 ގެ ސަބަބުން އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާ ހިލާފުވެފައި ވާކަމަށާއި، މާސްކު ނާޅާ އަދި ގައިދުރު ކަމުގެ އެއްވެސް މިންގަނޑަކަށް ބޯލަނބާފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެން ކަމުން ފުލުހުންގެ ޒިންމާގެ ދަށުން މިކަމުގައި ކުރަންޖެހޭ ތަހުގީގު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބާއްވަން އިލްތިމާސްކޮށްފަ އެވެ.
ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި މިދިޔަ އަންގާރަ ދުވަހު މާފުށީ ބޭރުން ކަނޑުމަތީގައި ވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރި އެވެ. އެ ސަރަހައްދު ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވި އެވެ.