ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯ އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހުރި ބިލްޑިންގ ތަކުގައި ރޯވެ އަނދަމުން އަންނަ އަލިފާނުގެ ސަަރައްޙައްދަށް އެއްވެސް ކަމަކު ނުދިޔުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން، މާލެ ސަރަހައްދުގައި ހިފެހެއްޓުމެެއްނެތި ފެތުރެމުން އަންނަ ބަލި މަޑުކަން ހުއްޓުވުމަށް މީހުން އެއްވެ އުޅުން މަދު ކުރުމަކީ މުހިންމު ކަމެއް ކަމުގައި މީގެ ކުރިންވެސް ހެލްތު މިނިސްޓްރީ އިން އަންނަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.
އެ މިނިސްޓްރީއިން ކުރަމުން އައި ޓްވީޓުތަކުގައި ބުނަނީ ދުމުގެ އަސަރުން އެންމެހާ ރައްޔިތުން ސަލާމަތްވެ ރައްކާތެރިވެގެން ތިބުމަށެެވެ. އަދި މި ސަރަހައްދުގައިވާ ގޭގޭގައި ދިރިއުޅެމުން އަންނަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އަދި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުން ވީހާވެސް އަވަހަކަށް 1676 ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.
ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ހުރި ގޭގޭގެ ދޮރު ތަކާއި ކުޑަ ދޮރުތައް ބަންދު ކޮށް ދުން ނުވަންނާނެހެން ހެދުމަށް ވަނީ މި މިނިސްޓްރީއިން އަންގާފައެވެ. އަދި ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުން މި ސަރަހައްދަށް ނުގޮސް ރައްކާތެރިވުމަށް، އަދި ކަމެއް ދިމާވެއްޖެ ކަމުގައިވާ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އަންނަނީ އަންގަމުންނެވެ.