ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި 2 ވަނަ ފުރަބަންދަކަށް ދާންޖެހިއްޖެނަމަ އެކަން ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ކުރި ކޯވިޑް-19 ފެތުރޭ މިންވަރާއި ބަލީގައި ފަރުވާ ހޯދަންޖެހޭ މިންވަރު އިތުރުވަމުންދާތީ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ފުރަބަންދަކަށް ދިއުމަކީ ވަރަށްބޮޑު އުގަދޫ ދަތިކަމެއް ކަމަށާއި ރައްޔިތުން ތަހައްމަލްކުރަންޖެހޭ ކަމެއްކަން މިހާރު ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
ޞިއްޚީ ގޮތުން އޮތް ބޮޑު ގޮންޖެހުމާއިއެކު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާލަތުގައި ހުރިހާ ރައްޔިތުންވެސް ބޯލަނބައި އިޖާބަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލްނުވެ ޞިއްޚީ ބޭފުޅުން ފުރަބަންދަކަށް ދާން ލަފާދެއްވައިފިނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެކަންވެސް ކުރައްވާނެކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާކަމަށް ޞިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލްނުވެ އިތުރަށް ގޯސްވަމުންދާނަމަ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީންވެސް ވަނީ ވިދާޅުވެފައެވެ.
އެޗް.އީ.އޯ.ސީން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި މައިގަނޑުގޮތެއްގައި ބަލާ ކަންކަމާއި، ފިޔަވަޅުތައް ވަރުގަދަކުރުމުގައި މިންކުރުމަށް ބޭނުންކުރާ ޢުޞޫލުތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގައި ބަލާ ކަންތައްތަކަކީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ އިންސައްތަ، ހޮސްޕިޓަލުގައި އެޑްމިޓްކުރާ އިންސައްތައް، ޕޮޒިޓިވްވާ މީހުންގެ ޖުމްލަ ޢަދަދު މަތިވުމާއި ކްލަސްޓަރއާއި ގުޅުމެއްނެތް ކޭސްތައް އިތުރުން، މިގެ އުތުރުން ކޮންމެ ހަފްތާއަކު ނިޔާވާ މީހުންގެ ޢަދަދުތައް ހިމެނެއެވެ.