ރައީސް ނަޝީދުގެ ވެރިކަމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި ދުވަހު ރާއްޖޭގައި ލޭ އޮހޮރުވުމަކަށް ނުދިއައީ އެމަނިކުފާނު ސިފައިންގޭގެ ބަޑިގުދަން ނުހުޅުވުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިދިކޮޅު ފާރާތްތަކުން އިއްޔެ މާލޭގައި ކުރިއަށް ދިޔަ އެއްވުމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި އަދި އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވަލުވެ ވަޑައިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ރައީސް ނަޝިދު ކުރެއްވި ޓުއީޓުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. ވަހީދު ގައުމުގައި ލޭއޮހޮރުވުމުގެ ވާހަކަ ދެއްކެވެމުން އެކަމާ ހައިރާންވެ ވަޑައި ނުގަންނަވާކަމަށެވެ. އަދި 7 ފެބްރުއަރީ ގައި ލޭއޮހޮރުވުމަކަށް ނުދިއައީ އެމަނިކުފާނު ބަޑި ގުދަން ހުޅުވަން އެއްބަސް ނުވުމުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިއްޔެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުމުގައި ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި އެއްވުމުގެ ބައިވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ގައުމުން މިހާރު ފެންނަމުން މިދަނީ ވެރިކަން ކުރަން ނޭނގޭ ބަޔަކު ވެރިކަމުގައި ތިބުމުގެ ސަބަބުން ގައުމަށް ލިބެމުންދާ ގެއްލުން ކަމަށާއި، ރައްޔިތުންނަށް ކެތް ކުރެވޭނީ ވަކި މިންވަރަކަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަދަލުވީ އެމަނިކުފާނު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމަށް އެމައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުންވެސް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ރައީސް ނަޝިދުގެ އިތުރުން އެމްޑީޕީ މެމްބަރުން އަދިވެސް ބުނަމުން އަންނަނީ އެދުވަހު ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.