ހުޅުމާލޭގައި ރޭ ނިޔާވި 21 އަހަރުގެ ޒުވާން އަންހެން މީހާ ކޯވިޑް 19 އަށް ފައްސިވެފައި ވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެއިދާރާއިން ބުނެފައިވަނީ ރޭ ހުޅުމާލޭގައި ނިޔާވި މީހާ ކޯވިޑް 19 އަށް ޓެސްޓު ކުރިއިރު ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރޭ ކުއްލި ގޮތަކަށް ހުޅުމާލޭގައި ނިޔާވެފައި ވަނީ ހދ. މަކުނުދޫ، ބާނި، ފާތުމަތު ޒަހާ އަހުމަދު ޝަކީލްއެވެ. ޒަހާ އަހުމަދު އަކީ އޫރިދޫ މޯލްޑިވްސްގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނެކެވެ. ޒަހާ ނިޔާވުމާއި ގުޅިގެން އޫރިދޫ އިން ބުނެފައިވަނީ، 2009 ވަނަ އަހަރު އޫރިދޫއާއި ގުޅުނު ޒުވާނާ ނިޔާވި ހަބަރު އަޑު އެހީ ފުން ހިތާމައާއި އެކު ކަމަށާއި، ޒަހާ އަކީ މަސައްކަތަށް ފަރުވާތެރި އަދި ހުރިހާ އެންމެނާއި ގުޅިގެން މަސައްކަތް ކުރި ޒުވާނެއް ކަމަށެވެ. މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަށް ދެއްވުން އެދި ދުއާ ކުރާކަމަށާއި، މިދަނޑިވަޅުގައި ޒަހާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރާކަމަށްވެސް އޫރިދޫއިން ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވީ ރޭ 11:32 އެހާކަން ހާއިރު، އުމުރުން 21 އަހަރުގެ އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. އެމީހާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.