އިއްޔެ އިދިކޮލޫ ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެފައި ވާތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމަށް ހެޔޮ އެދޭ ބަޔަކު އެގޮތަށް ނޫޅޭނެ ކަމަށާއި، އެމަނިކުފާނު އެހަރަކާތް އ ބެއްލެވި ކަމަށެވެ. އަދި ފެނިގެން ދިޔައީ މިންގަނޑާ މުޅިން ހިލާފުވި ތަން ކަމަށާއި، އެގޮތުން ފަސް މީހުންނަށްވުރެ ގިނައިން އެއްނުވެވޭނެކަން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާ ހިލާފު ނުވާނަމަ އަނެއްކާވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އަނެއްކާވެސް ގިނަ ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށާއި އެކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ޖެހިއްޖެނަމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވެސް ވަނީ ޕީޕީއެމްގެ މުޒާހަރާއާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިންގަނޑުތަކާ ހިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ. މި ސަރުކާރުގައި ހިޔާލު ފާޅު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށާއި ނަމަވެސް މުޒާހަރާއިން ފެނިގެން ދިޔައީ ޒިންމާދާރު ކަމެއް ނެތި އެކަން ކުރި ތަން ކަމަށް ވިދާޅުވިއެވެ. ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންނެވުމުން ނޫސްވެރިން އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެޗްޕީއޭގެ މިންގަނޑާ ހިލާފަށް ބަޔަކު ހަރަކާތްތެރިވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.