ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ދިރާސާ ކުރެއްވުމަށް ފަހު ބައެއް ކެޓަގަރީ ތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާ އިރު މިލިސްޓަށް އާންމުންގެ ފާޑުކިއުން ދަނީ ކުރިމަތި ވަމުންނެވެ.
ސަރުކާރުން މި ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއް ކަމަށް ބުނަމުން ދިޔަ އިރުވެސް ނިކަމެތި ރައްޔިތުމީހާ ތިބީ އެ ކޮތަރުކޮށި ތަކަށް އިންތިހާއަށް ބޭނުންވެފައެވެ. މިއަށްފަހު ފްލެޓްތައް ދިރާސާ ކުރަން އެކުލަވާލެވުނު ފްލެޓް ކޮމެޓީ އިން ރައްޔިތުމީހާގެ ހައްޤަށް އިންސާފުލިބޭނޭ ކަމަށް ފޮނި އުންމީދު ކުރަމުން ދިޔަ ނަމަވެސް އާޚިރުގައި ނިކަމެތިކަން ލިބިފައި މިވަނީ ހަމަ މި ނިކަމެތި ރައްޔިތު މީހާއަށެވެ.
މިއާއެކު ބައްޕައަކު އޭނާގެ ނުކުޅެދޭ ދަރިފުޅަށް ފްލެޓް ކެޓަގަރީ އިން ލިބުނު ޕޮއިންޓް، ފަހުން އެކުލަވާލި ކޮމިޓީ އިން އުނިކޮށްފައިވާތީ އެކަމުގެ އުދާސަތައް މިއަދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ކުއްޖާގެ ބައްޕަ ފާހަގަ ކުރިގޮތުގައި އޭނާގެ ދަރިފުޅަކީ އުފަންވީއްސުރެ ބޮޑެތި ސިއްހީ މައްސަލަ ތަކެއް ހުންނަ ކުއްޖެކެވެ. އަދި ނުކުޅެދޭ ކުދިންގެ ދަފްތަރުގައި ކުއްޖާގެ ނަން އޮތް އިރު މިހާތަނަށް ބޮލާއި ހަތަރެސްފައިގެ އެތަކެއް ސާޖަރީ ތަކެއްވަނީ ކުރެވިފައެވެ.
މިހާރު އުމުރުން 7 އަހަރު ވީއިރު އަދިވެސް އެއްވެސް ކަމެއް އަމިއްލައަށް ނުކުރެވޭއިރު، ކުއްޖާ އަށް އަމިއްލަ އަށް ފާހަނަ އަށްވެސް ނުދެވޭ ކަމަށާއި ދާންބޭނުން ވިއަސް ބުނަންވެސް ނޭނގޭކަން ފާހަގަ ކުރިއެވެ. އެއާއެކު ބަލި ކުއްޖާ އާއި ދެމަފިރިންގެ އިތުރު އެހެން ކުއްޖަކު އެ ދެމަފިރިންނާއި އެކު އުޅެނީ އެއްކޮޓަރި އެއްގައެވެ.
އެގޮތުން 2018 ވަނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީ އިން ފްލެޓަށް ލީ، ފްލެޓް ހޯދަން އަހަން، ދަންނަ އެއްވެސް ސިޔާސީ ނުފޫޒުގަދަ މީހެއް ހުރެގެން ނޫނަކަމަށާއި، އެކަމަކު ﷲގެ އިރާދަފުޅުން ކެޓެގަރީ އިން އެންމެ މަތިން 90 ޕޮއިންޓު ލިބުންކަން ކުއްޖާގެ ބައްޕަ ފާހަގަ ކުރި އިރު، ސަރުކާރު ބަދަލުވެ އެ ލިސްޓު ބާތިލްކޮށް އަލުން ނެރުނު ލިސްޓުން ޕޮއިންޓު ދަށްކޮށް ފްލެޓް ނުލިބޭގޮތް ވަނީ ހަދާފައެވެ.
ނަމަވެސް އެ އާއިލާ މިވަގުތުވެސް އުޅެމުން ދަނީ 2018 ވަނަ އަހަރު 90 ޕޮއިންޓު ލިބުނު އިރު އުޅެމުން ދިޔަ ޙާލުގައި ކަމަށާއި އެ ހާލަތު ބަދަލުނުވެ، އަލުން އެ ދަރިފުޅަށް 1.5 މިލިއަން ރުފިޔާ ހޭދަވާ އޮޕަރޭޝަނަނެއް މިހާރު ކުރަން ޖެހިފައިވާކަން ކުއްޖާގެ ބައްޕަ ފާހަގަ ކުރީ ވަރަށް ހިތާމަޔާއެކުގައެވެ.
މިއާއެކު، އެއާއިލާގެ ހާލަތު ރަނގަޅު ކަމަށް ބުނެ އާ ލިސްޓުން ބޭރުކޮށްލާފައި ވާއިރު މިނިސްޓަރު އަސްލަމާއި ފްލެޓް ކޮމެޓީގެ މެންބަރު ތޯހާ އަށް ދިރިއުޅުމެ ހާލަތު ބަލަން އައުމަށް ކުއްޖާގެ ބައްޕަވަނީ ދައުވަތު ދީފައެވެ. މީގެ އިތުރުން ފްލެޓް ލިސްޓު އިސްލާހު ކުރުމުގެ ނަމުގައި ނިކަމެތި ދަރިފުޅު ފަދަ ނުކެޅެދޭ ކުދިންގެ ހައްޤުން ވައްކަން ނުކޮށް ”ސިޔާސީ“ މީހުންނާއި ފްލެޓް ހައްޤުނުވާ މީހުންނަށް ފްލެޓް ދީފައިވާނަމަ އެތަންތަން ނެގުމަށް ވަނީ އެދިފައެވެ.