ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، ރިޓަޔާ ކުރައްވާފައިވާ ކުރީގެ ރައީސުންނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
މެންބަރު އަލީ ހުސައިން ޓްވީޓް ކުރައްވާފައިވާ ގޮތުގައި، ރިޓަޔާ ކުރައްވާފައިވާ، ކުރީގެ ރައީސުން ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެން، ކަންކަމާއި އުޅުއްވާނަމަ، ދަޢުލަތުގެ ރިޓަޔާމެންޓް ބެނިފިޓްގެ ދަށުން ލިބެންޖެހޭ ފައިސާއާއި ޢިނާޔަތް ލިބިގެން ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ފައިސާ މި ބޭފުޅުންނަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެނާގެ ޓްވީޓުގައި އަލިއަޅުވާލާފައިވެއެވެ.
އަދި މި ރައީސުން ސިޔާސީޕާޓީ ތައް ހިންގެވުމުގައި އަމަލީ ގޮތުން އުޅުއްވުމަކީވެސް މި ފައިސާ ލިބެން ނުޖެހޭނެ ކަމެއްކަމުގައި މި ޓްވީޓުގައި ސިފަކުރައްވާފައިވެއެވެ. ކުރީގެ ރައީސުންގެ ތެރެއިން އިނާޔަތް ލިބިވަޑައިގަންނަވާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް މިވަގުތު ބަލި ޙާލު ހުންނެވި ގޮތުން ސިޔާސީ މައިދާނުން އެކަހެރިވެވަޑައިގެން ހުންނެވި ކަމުގައި ވީނަމަވެސް، އެ މަނިކުފާނަށް ނިޞްބަތްވާ، އެ މަނިކުފާނުގެ ސިޔާސީ ޕާޓީއެއްވެސް އޮވެއެވެ. އަދި އެ އަށްފަހު ވެރިކަމަށް އަރައިވަޑައިގަތް މުޙައްމަދު ނަޝީދަކީ މިއަދު ވެސް އެމްޑީޕީގެ އެންމެ އިސް އެއް ބޭފުޅެވެ. އަދި މިއަދު ގެ ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ.
އެ ވެރިކަމުގެ ނައިބު ރައީސް އަދި ދުވަސްކޮޅަކަށް ވެރިކަން ކުރެއްވެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީވެސް ޢަމަލީ ގޮތުން ސިޔާސީ މައިދާން ތަކުގައި އަދިވެސް ފެނިވަޑައިގަންނަވާ މޫނެެކެވެ. އަދި އެންމެ ފަހުގެ ދައުރުގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްއަށް ނިޞްބަތްވެ ވަޑައިގަންނަވާ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.