ދިރިއުޅުމުގެ މިހަލުވި ރާސްތާގައި އެންމެންވެސް އުޅެނީ ވަރަށް ބިޒީ ކޮށެވެ. އުފާ ފާގަތި ދިރިއުޅުމެއް ބިނާ ކުރުމަށް ރެއާ ދުވާލު މެދު ނުކެނޑި ބުރަ މަސައްކަތް ކުރަމުން ދާއިރު މާލީ ގޮތުން މީހާ ތަނަވަސް ވާނޭ މަގުތައް ފަހިވި ކަމުގައި ވިއަސް ލޭގެ ގުޅުންތައް ހީނަރުވަމުންދާ ކަމުގައި ވަނީ ނަމަ ތިމާ އަށް ވުރެ ބޮޑު ފަޤީރެއް ނެތެވެ. އަދި ބަނޑު އަޅައި ވިހޭ މައިމީހާއަށް ވަގުތު ނުދެވި އެ ގުޅުމަށް ހީނަރު ކަމެއް އައިސްފިނަމަ އެކަމާ މެދު ވިސްނާ ގުޅުން ބަދަހި ކުރުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އެގޮތުން މަންމައާ ދެމެދުގައި އޮންނަ ގުޅުން ހީނަރު ވަމުންދާކަން އިހްސާސްވާނަ މިކަންކަމަށް އިސްކަންދޭށެވެ.
ވަގުތު ދިނުން:
ތިބާގެ ބިޒީ ޝެޑިއުލް އިން ކުޑަ ވަގުތުކޮޅެއް ނަމަވެސް އެ މައިމީހާ އަށްޓަކައި ހުސްކުރާށެވެ. އަދި އެކުގައި ވަގުތު ހޭދަ ކޮށްލާ ވާހަކަ ދައްކާށެވެ. ބަހެއް ނުވަތަ އަކުރެއް ފިއްޔެއް ވަކި ނުވާ ދުވަހު ހިންމަތާއި މިންނަތުން ލިޔަން ކިޔަން ދަސްކޮށްދިނީ އެ މަންމައެވެ.
މާފަށް އެދުން:
އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އިންސާނަކީ ފުރިހަމަ މީހެއްނޫނެވެ. އަދި ހެދޭ ބައިވަރު ގޯސް ހުންނާނެއެވެ. ނަމަވެސް މަންމައަށް ހިތްބުރަވާ އެއްވެސް ލަފްޒެއް ދުލުން ބޭރުކުރެވިފައި ވާނަމަ އެއްވެސް ލަހެއް ފަހެއް ނުކޮށްމާފަށް އެދޭށެވެ. މައިމީހާ ހިތުގައި ޖައްސާ މީހާއަށް އެއްވެސް ކުރިއެރުމެއް ލިބިގެންނުވެއެވެ.
ހަދިޔާ ދިނުން:
ތިބާ ކުޑައިރުގައި ބޭނުންވާހާ އެއްޗެއް ލިބޭ މަދު ލާރިކޮޅުން ފުއްދާލައިގެން ހޯދާ ދިނުމަށް އެމަންމަ މަސައްކަތް ކުރިއެވެ. އަދި ބޭނުންވާހާ އެއްޗެއް ހޯދާ ނުދެވުނު ކަމުގައިވީނަމަވެސް ލިބުނު ފެންވަރަކުން ބޭނުންތައް ފުއްދާދިނުމަށްޓަކައި އެ މަންމަ މަސައްކަތް ކޮށްދިނެވެ. އެހެންކަމުން އެ މައިމީހާއަށް މިއަދު ހޭދަ ކުރާށެވެ. ހަދިޔާ ބަދަލު ކުރާށެވެ. ކުޑަ މިންވަރެއް ނަމަވެސް ހިތްހަމަ ޖެހޭނެއެވެ. ދެމެދުގެ ގުޅުން ބަދަހިވާނެއެވެ.
ހެޔޮ ދުޢާ ކުރުން:
ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. މައިމީހާ އާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެގުޅުން ބަދަހި ކުރުމަށް ގިނަ ގިނައިން ދުޢާ ކުރާށެވެ. އަދި ﷲގެ ހަޟްރަތުގައި މަންމައަށް ރަޙްމަތަށް އެދި ދަންނަވާށެވެ. ގުޅުން ބަދަހިވެ ލޯބި އިތުރުވާނެއެވެ.