ގުޅިފައިވާ ކޯލިޝަން ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، ކިތައްމެ ބިރު ދެއްކިޔަސް އަޒުމް ގުޑުވައި ނުލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާތަކެއްޗާއި ހިނގާމީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭއްލަވަމުން މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވާފައިވާ ކަމަށްބުނެ މާދަމާ ރޭ 19:00 އަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައެވެ.
މިކަމާއި ގުޅިގެން އަދުރޭ ކުރެއްވި ޓުއީޓުގައި ވިދާޅުވީ، މިއަދުގެ ސަރުކާރުން ކިތައްމެ ބިރެއް ދެއްކިޔަސް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ނުހުއްޓުވޭނެ ކަމަށާއި، ޕީއެންސީގެ ނައިބު ރައީސް ޝުޖާ އަކީ ބޮޑުތިލަދުންމަތީގެ ފަހުރުވެރި ދަރިއެއް ކަމަށެވެ. އަދި އިދިކޮޅު އެއްވެސް ބޭފުޅަކު ފަހަތަށް ނުޖެހޭނެ ކަމަށާއި، އެއީ ބަދަހި ޓީމެއް ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ އެހެން ޓުއީޓެއްގައި ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުން ސަރުކާރު ޒިންމާދާރު ކުރުވަން ނިކުތީ އަދުގެ ސަރުކާރުގެ އަނިޔާވެރިކަން އެނގި ތިބެކަމަށާއި، ހައްޔަރުކޮށް، ދައުވާ ކޮށް، ހުކުމްވެސް ކޮށްފާނެ ކަން އެނގި ތިބެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި ސައިކަލު ބުރު ބޭއްވީ އެޗްޕީއޭގެ މިންގަޑު ތަކާއި ހިލާފަށް ކަމަށާއި، އެހެން ކަމުން އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.