އިޔޫ ރެގިޔުލޭޓަރުން ބޮއިންގް 737 މެކްސް މަރުކާގެ ބޯޓުތަކުގެ ޓެސްޓް ފްލައިޓްތައް ފެއްޓުމަށް ތާވަލުކޮށްފިއެވެ.
ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) އިން ބުނާ ގޮތުގައި، ކެނެޑާގެ ވެންކޫވާގައި މި ޓެސްޓު ފްލައިޓްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އަހަރު ދުއްވުން މަނާ ކޮށްފައިވާ 737 މެކްސްއަކީ ބޮއިންގްގެ އެންމެ މަޤުބޫލު އެއް ފްލައިޓްއެވެ. ނަމަވެސް، މިދިޔަ އަހަރު ތެރޭގައި ވެއްޓުނު ދެ ބޯޓުން އެކަނި 346 މީހުން ވަނީ މަރުވެފައެވެ.
ޔޫރަޕުން މި ޓެސްޓު ފްލައިޓްތައް މި ފަށާފައިވަނީ އެމެރިކާގެ އެފްއޭއޭ އިން ޓެސްޓް ފްލައިޓްތައް ފެށިތާ 2 މަސް ވީ ފަހުންނެވެ. އިއަސާ އިން ބުނާ ގޮތުގައި، މަޑު މަޑުން ނަމަވެސް އެ އޭޖެންސީ އިން މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި އެ އޭޖެންސީ އިން ދަނީ އެމެރިކާގެ އެފްއޭއޭ އަދި ބޮއިންގްއާއި އެއްކޮށް ވީހާވެސް އަވަހަކަށް ޔޫރަޕުގައި މި ފްލައިޓް ދުއްވޭނެ ގޮތެއް ހަދަމުންނެވެ. ނަމަވެސް، މި ހުއްދަ ދޭނީ އެ އޭޖެންސީއަށް މިއީ ރައްކާތެރި ފްލައިޓްއެއްކަން ކަށަވަރު ވުމުން ކަމަށް އެ އޭޖެންސީއިންވަނީ ބުނެފައެވެ.
އެ އޭޖެންސީއިން ބުނާ ގޮތުގައި، ގިނަ މަސައްކަތްތަކެއް ހުއްޓި ލަސްވެފައިވަނީ މިހާރު ފެތުރެމުންދާ ބަލި މަޑުކަމާއި ހެދިއެވެ. ބޮއިންގްގެ ފަރާތުން އެންމެ ފަހުގެ ކުދި މަސައްކަތްތަކެއް ހުރި ކަމުގައި ވީ ނަމަވެސް، އިއާސާއިން އަލުން ޑިޒައިނިންގް އަށް ގެނެސްފައިވާ ބަދަލުތައް ބެލުމަށް ފަހު ނޫނީ ޓެސްޓް ފްލައިޓްއަކަށް ނުދާނެއެވެ. ސިމިޔުލޭޓާރ ޓެސްޓިންގ ކުރިއަށް ދާނީ ސެޕްޓެމްބަރ 1 އިން ފެށިގެން ގެޓްވިކް އެއާޕޯޓުގައެވެ.