ތިންވަނަ އެޕިސޯޑު
ޝާމްއާއި އެކު ޒުވާން ފުރައިގެ ވަރަށް ރީތި ދެ އަންހެން ކުދިން ވެސް ތިއްބެވެ. އެއީ ޝާމް ރައްޓެހި ވެގެން އުޅޭ ޝާމްގެ ލޯބިވެރިޔާ ޝާފިޔާ އާއި ޝާފިޔާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ޖުމާނާ އެވެ. ޝާމްމެން އެތަނުން ނުކުމެ ހިނގައި ގަތުމާއި އެކު ޝާމްއަށް ޔާމީން ފެނުނެވެ. ޝާމް ޝާފިޔާގެ އަތުގައި ކޮށްޓާލާފައި ޝާފިޔާއަށް ޔާމިން ދެއްކިއެވެ. ޝާފިޔާއަށް ޔާމީން ފެނުމުން ޝާމްއަށް ބާލާލުމަށް ފަހު ހިނިތުން ވެލިއެވެ. އަދި ޝާމް އާއި ޝާފިޔާ ޔާމީން އާއި ދިމާއަށް ދާން ހިގައިގަތެވެ. އެ ކުދިންނާއެކު ޖުމާނާ ވެސް އެ ކުދިންގެ ފަހަތުން ހިނގައިގަތެވެ. “ ސާބަސް ކޮންކަމެއް މިއޮއްފަދަ ހަވީރު ގަޑީގަ އެކަނިމާ އެކަނި އައިސް މިތާގަ ތި އިންނަނީ، މިތަނުން ފެންނާނީ ހުސް ޅަދަރިމައިން، މީހުންގެ އަނބިން، ތިހޯދަން އުޅޭ ކަހަލަ ކުއްޖެއް ފެންނާނެ ހެނެއް ހިއެއްނުވޭ ! “ ޝާފިޔާމެން ޔާމީން އާއި އަރާ ހަމަވެފައި ލާނެއް ރާގެއްގައި ޝާފިޔާ ބުނެލިއެވެ.
ޝާފިޔާ އެހެން ބުނުމުން ހައިރާން ވެފައި ޔާމީން އެމީހުންނަށް ބަލާލިއެވެ. އޭރު ޔާމީންގެ ކުރިމަތީގައި ހެވިފައި ޝާމްއާއި ޝާފިޔާ ހުއްޓާ ފެނުމުން ޔާމީންގެ ގާތަށް ވެސް ހިނިއައެވެ. އެހެން ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔާމީންގެ ނަޒަރު ގޮސް ޖުމާނާއަށް ހުއްޓުމާއެކު ޔާމީންގެ ހިތަށް ހީވީ ތޫނު ކައްޓެއް ހަރާލި ހެނެވެ. ވީނުވީ ގޮތެއް ވެސް ނޭނގި ޔާމީންގެ ކަޅި ޖުމާނާގެ ކަޅިޔާ އަމާޒުވެ އެކަޅީގެ އެންމެ ފުނަށް ފީނައި ގަނެވިއްޖެއެވެ. ފުންމިން ނޭނގޭ އެކޯރުގެ ޖާޒުބީ އޮއެވަރުގައި ޖެހި ޔާމީންގެ ހިތް އޮޔާދާން ފަށައިފިއެވެ. ޖުމާނާގެ ހާލު ވެސް ވަކިން ކުޑައެއް ނޫނެވެ. ހީވަނީ ދުވަހަކު ވެސް ނުދެކޭ ނުފެންނަ އެއްޗެއް ފެނިގެން އުޅޭހެނެވެ. ކަޅިޖަހާ ވެސް ނުލާ ޔާމީގެ މޫނަށް ބަލަހައްޓައިގެން އެ ހުރެވެނީ ކީއްވެ ކަމެއް ހުދު ޖުމާނާ އަކަށް ވެސް ނޭނގޭނެއެވެ. ޖުމާނާއަށް ވެސް އެވަނީ އަސަރު ތަކެއް ކޮށްފައެވެ. އެހިތަށް ވެސް އެވަނީ އިޝްގީ ތޫފާނަކާ ކުރިމަތި ވެފައެވެ. އެތޫފާނުގައި ޖެހި ބާރުވަޔާއެކު ދެވޭ ނުދެވޭ ތަނެއް ނޭނގި ލޯބީގެ މަންޒިލަކަށް މިސްރާބު ޖެހިފައެވެ. އެހެން ކަމުން އެ ވަގުތު އެތާ އިތުރު ބަޔަކު ތިބި ކަމެއް ދެ ކުދިންކުރެން އެކަކުވެސް ހާނދާނެއް ނެތެވެ. ވާނީ ވެސް އެހެން ދޮގެއްތޯއެވެ. ލޯބީގެ އާރަކުން ފެންބުއިމަށް ކަރު ހިކައިގެންފައި ތިބި ބަޔަކަށް އެކޯރު ފެނުމުން ދެން އަވަސްވެ ގަނެވޭނީ އަވަހަށް ފެންބޮއެ ކަރު ހިއެކުން ފިލުވާލުމަށެވެ. އެވަގުތު އިތުރު ކަމެއް ކުރާކަށް ނުވަތަ އެހެން ކަމެއްގެ މައްޗަކުން ހަނދާނެއް ނުހުންނާނެ އެވެ. ޔާމީންއާއި ޖުމާނާ އަށްވެސް ވެފައި އެތިބީ ހަމައެހެންނެވެ. “ ތެދެއް ވަކި ކަހަލަ ކުއްޖެއްތަ ބޭނުން ވަނީ ވެސް؟ މިތާ އިނދެގެން މަށަކަށް ވެސް ހިއެއް ނުވޭ އެބުނާ ކަހަލަ ކުއްޖެއް ފެންނާނެހެނެއް. “ ޝާމް ވެސް ކުޑަކޮށް ހީލުމަށް ފަހު މާޖާ ކޮށްލުމުގެ ގޮތުން ބުންޏެވެ. ޔާމީންއަށް ހޭވެރިކަންވީ ދެނެވެ. އަދި ހައިރާން ކަމާއެކު ޝާމްމެނަށް ބާލާލިއެވެ. ޖުމާނާ ވެސް ލަދުރަކި ގޮތަކަށް ހިނިތުން ވެލާފައި އެމީހުންނަށް ސަމާލުކަން ދިނެވެ. “ ފެނިއްޖެޔޭ ބުނެފިއްޔާއޯ! ، އެކުއްޖާއާ ބައްދަލު ވެއްޖެޔޭ ބުނެފިއްޔާއޯ! ، ގަބޫލުކުރާނަން ؟ “ ޔާމީން ޖުމާނާއަށް ބަލާލުމަށްފަހު ބުންޏެވެ. ޖުމާނާއަށް ވެސް ޔާމީން އެބުނި އެއްޗެއް ދޭހަވީ ކަންނޭނގެއެވެ. ޔާމީން އެހެން ބުނުމުން ޖުމާނާގެ މޫނު މައްޗަށް ވެސް އުފާވެރިކަން ވެރިވިއެވެ. މުޅި މޫނު އަލިވެ އުޖާލާ ވެގެން ދިޔައެވެ. އަދި އުފާވެރި ލަދުރަކި ގޮތަކަށް ހިނިތުން ވެލުމަށް ފަހު ޔާމީންއަށް ބާލާލާފައި އިސްޖަހާލިއެވެ. “ އަސްލުވެސް ، ތިހެންވިއްޔާ ތިބުނާ ކުއްޖާ އަހަރުމެނަށް ވެސް ދައްކަންވީނު ، އޭރުންތާދޯ އެހެންތާކުން ފެނުނަސް އަހަރުމެނަށް ވެސް އެނގޭނީ ދޯ ޝާފިޔާ.“ ޝާމް އަނެއްކާ ވެސް ދިމާކުރުމުގެ ގޮތުން ބުނެލިއެވެ. ޝާފިޔާ ވެސް ޝާމް އާއި ބައިވެރި ވެލުމުގެ ގޮތުން“ ހޫން “ ލައްވައިލިއެވެ. “ ކެއްކުރޭ އަދި ނުދެއްކިފައެއް ނެތެއްނު.“ ޔާމީން އެހެން ބުނުމަށް ފަހު އަނެއްކާ ވެސް ޖުމާނާއަށް ބާލާލިއެވެ. އޭރު ވެސް ޖުމާނާ ހުރީ ވައްކަޅިން ޔާމީންއަށް ބަލަހައްޓައިގެނެވެ. “ ދެން މިތާ ނީނދެ ހިނގާބަލަ ، މިމަންޖެ ގޭދޮށަށް ވައްޓާލަންދޭން. “ ޖުމާނާ ދައްކާލުމަށް ފަހު ޝާމް ބުނެލިއެވެ. ޝާމް އެހެން ބުނުމުން ޔާމީންގެ ހިތަށް ވީގޮތް ބުނެދޭކަށް ވެސް ނޭނގުނެވެ. ވީ އުފަލެއްގެ ބޮޑު ކަމާއެކު ވެސް ހިތް އަވަސްވެ ގަނޑުވާ ގޮތްވިއެވެ. މޭތެޅެން ފެށިއެވެ. މުޅި ހަށިގަނޑަށް ފިނި ކަމެއްވެރިވެ ތުރުތުރު އަޅަން ފެށިހެންވެސް ހީވިއެވެ. “ ތީ އެއްވެސް ކަމެއް ނޫނެއްނު. އެކަމަކު ކޮން ކުއްޖެއްތަ ތީ، ކުރިން ނުފެންނަ ކުއްޖެއްވީމަ މިއަހާލީ. “ ޖުމާނާއަށް ބަލަހައްޓައިގެން ހުރެ ޔާމީން ހިނިތުން ވެލާފައި ބުނެލިއެވެ. “ އެހެނެއް ނުފެންނާނެދޯ ޝަފިޔާ.“ ލާނެއް ރާގެއްގައި ޖުމާނާ ބުންޏެވެ. ދެން “ މާގިނަ ވާހަކަ ނުދައްކާ ހިނގާބަލަ.“
ޔާމީން ތެދުވެއްޖެއެވެ. އަދި ޝާމްމެންނާ އެކު ހިނގައިގެންފިއެވެ . ހަތަރު ކުދިން އެކުއެކީގައި ގޮސް މަގަށް ނުކުމެ ސައިކަލަށް އަރައިފިއެވެ. ޝާމްގެ ފަހަތަށް ޝާފިޔާ އެރިއިރު ޖުމާނާ އެރީ ޔާމީންގެ ސައިކަލުގެ ފަހަތަށެވެ. ޝާމް ސައިކަލު ސްޓާޓުކޮށް ދުއްވާލުމާއެކު ޔާމީން ވެސް ސައިކަލު ދުއްވާލިއެވެ .
ޔާމީން ޖުމާނާ ގޮވައިގެން ސައިކަލުގައި އައިސް އެއެޅީ މައްޗަންގޮޅީ ދިލްބަހާރު މަގަށެވެ. ޔާމީގެ ކުރިމަތިން ވެސް އަދި ފަހަތުން ވެސް ޝާމްމެންގެ ސައިކަލް އަންނަތަނެއް ނުފެނެއެވެ. އެމީހުން ގޭދޮށަށް މަޑުކުރުމަށް ފަހު ޔާމީންމެން އެކަނި ފޮނުވާލީ ކަމަށް ވެސް ވެދާނެއެވެ. ޖުމާނާ ގޮވައިގެން ދުއްވާލެވޭތީ ޔާމީން އިނީ ނުހަނު އުފަލުންނެވެ. މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ޖުމާނާ ވެސް ޔާމީންގެ ގައިގައި ނުޖެހޭ ވަރަށް ސައިކަލުގެ ފަހަތުގައި އިނެއް ކަމަކު ޖުމާނާގެ ހިތުތެރޭގައި ވެސް އެތައް ޝޫއޫރަކާއި އިހްސާސް ތަކެއް ކުރެވެމުން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނީ ޖުމާނާއަށް ޔާމީން ފެނުމުން ފުން އިހްސާސަތެއް ކުރެވުނެވެ. ބުނެދޭން ނެނގޭފަދަ ޖަޒުބާތީ އޮއެވަރެއް ހިތުތެރޭގައި ހިނގައިގަތެވެ. އަދި މިހާރު ޔާމީންގެ ފަހަތުގައި ޔާމީންގެ ގައިގައި ޖެހޭ ހިސާބު ގާތުގައި އިންނައިރު ކުރެވޭ އިހްސާސްތައް މާބޮޑުވާނެތާ އެވެ. “ މިތަނަށް ހުއްޓާ! “ ޖުމަނާމެންގެއާ އަރާ ހަމަވުމުން ކުއްލިއަކަށް ޖުމަނާ ބުނެލިއެވެ. ޔާމީން ސައިކަލު އެގޭދޮށަށް މަޑު ކޮށްލައިފިއެވެ. އަދި ގެއަށް ބަލާލުމަށް ފަހު ގޭގެ ނަން ކިޔާލިއެވެ. ޖުމާނަ ސައިކަލުން ފައިބާ ޔާމީން އަށް ބަލާލިއެވެ. “ ވަރަށް ބޮޑަށް ތެންކްސް އިނގޭ.“ ޖުމާނާ އެހެން ބުނުމުން ޔާމީން ޖުމާނާއަށް ބަލާލާފައި ހިނިތުން ވެލިއެވެ. އަދި އެއްޗެކޭ ބުނަން އުޅެފައި މަޑުކޮށްލިއެވެ. “ އަހަންނަށް ކިޔަނީ ޖުމާނާ ،ޖުމާ، ޔާމީންދޯ ކިޔަނީ.“ ހިނިތުން ވެލާފައި ޖުމާނާ ބުންޏެވެ. އަދި ދާން ހިނގައިގަތެވެ . “ މަޑުކޮށް ބަލަ,! ފޯނު ނަމްބަރު ދީފާނަންތަ؟ “ އެއަޑަށް ޖުމާނާ ހުއްޓުނެވެ. އަދި ހައިރާން ވެފައި ޔާމީންއަށް ބަލާލިއެވެ. ދެ ކުދިން އިރުކޮޅެއް ވަންދެން ބަލަން ތިބުމަށް ފަހު ޖުމާނާ ހިނިތުން ވެލިއެވެ. “ އާނ، ޖަހާ ނަމްބަރ “ ޔާމިން ޖީބުން ފޯނު ނެގުމަށް ފަހު ޖުމާނާ ކިޔާ ނަމްބަރުތައް ޖަހާލިއެވެ. “ މިރޭ ގުޅާނަން އިނގޭ “ ޖުމާނާ އަށް ބަލާލުމަށް ފަހު ޔާމީން ބުނެލިއެވެ. ޖުމާނާ ހިނިތުން ވެލާފައި ނިތް އަރުވާލުމަށް ފަހު ގޮސް ގެއަށް ވަދެއްޖެއެވެ. ޔާމީން ވީއުފަލެއްގެ ކޮޅެއް ނެތެވެ. ހީވީ މުޅި ދުނިޔެ ޔާމީންގެ ހިތަކަށް ލިބުނީ ހެނެވެ. ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ވުމުގެ ކޮޅުމަތި ފެނުނީހެނެވެ. ބޭނުންވި ކަހަލަ، ހިތްކިޔާކަހަލަ ރީތި ކުއްޖަކު ލިބުނީހެނެވެ. ޔާމީން ވަރަށް އުފާވެފައި މިރޭ ގުޅައިގެން ދައްކާނެ ވާހަކައަކާ ދޭތެރޭ ހިޔާލު ކުރަމުން ސައިކަލު ދުއްވާލިއެވެ.
“ ކޯޗެއްތޯ ބޭނުމީ “ ވޭޓަރ އައިސް މޭޒު ކައިރީގައި ހުއްޓި އަހާލިއެވެ. އެހެން ނަމަވެސް ޔާމީން އާއި ޖުމާނާއަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. އެ ދެކުދިން ތިބީ އަޑެއް އިވޭވަރަށް ވުރެ ބޮޑަށް އިޝްގުގެ މާކަނޑެއްގެ ތެރެއަށް ގެނބި ޣަރަގުވެފައެވެ. އެހެން ކަމަކާ ދޭތެރޭ ވިސްނާ ފިކުރު ކުރެވޭ ވަރަށް ވުރެ ބޮޑަށް އެކަނޑުގެ ލޯބީގެ ޖާޒުބީ މާކަނޑުގެ އެންމެ ފުނުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ ”އެކްސްކިއުޒް މީ. “ ވޭޓަރ އަނެއްކާވެސް ބުނެލިއެވެ. އެވަރުން ވެސް އަޑު ނީވުމުން ވޭޓަރ ތަންކޮޅެއް ބާރަށް “ ބައްލަވާ ކޯޗެއްތޯ ބޭނުންފުޅީ “ މިހެން ބުނެލުމާއެކު ޔާމީނާއި ޖުމާނާ ވެސް ދިޔައީ ސިއްސައިގެންނެވެ. ދެކުދިން އެއް ފަހަރާ ވޭޓަރާ ދިމާއަށް ބަލާލިއެވެ. ވޭޓަރ ފެނުމާއެކު ޖުމާނާއަށްވީ މުޅިން އެހެން ގޮތެކެވެ. ލިބުނީ ކުއްލި ޝޮކެކެވެ. ހުއްޓުން އެރީއެވެ. މުޅި މީހާ ގަބުވިއެވެ. އަނގައި ވެސް ނުބުނެ ވޭޓަރާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ވޭޓަރުގެ ހާލުވެސް ވަކި ތަފާތެއް ނެތެވެ. ޖުމާނާއަށް ބަލަހައްޓައިގެން އެހުރި ގޮތަށް ހުރީއެވެ. ޔާމީން ހައިރާންވެފައި ޖުމާނާއަށް ބަލާލިއެވެ. އެއަށް ފަހު ވޭޓަރަށް ބަލާލިއެވެ. އެދެމީހުންނަށް މިވީ ގޮތުން ޔާމީންގެ ހައިރާންވެ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
ނުނިމޭ