ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނާއި ފައިނޭންސިން ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިނުވާ މީހުންނަށް މުއްދަތު އިތުރުކޮށްދީ ލޯނަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކުރުމަށް އެދި އާ ފުރުސަތެއް ދިނުމަށް ނިންމައިފި އެވެ.
ކޯވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން ބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން 6 މަސް ދުވަހަށް ފަސްކޮށްދީފައެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17700 ލޯނު 6 މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލުން ހަމަކުރެއެވެ.
ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ 6 މަސްދުވަހުގެ މުއްދަތު ނިމުމަކަށް އައިސްފައިވާތީ ކަސްޓަމަރުން ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ބެންކުން ވަނީ ނިންމައިފައެވެ.
އެ ފުރުޞަތު ލިބިގެންދާނީ މިހާރު ވެސް މޮރަޓޯރިއަމްއަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށެވެ.
ބީއެމްއެލުން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދިފައިނުވާ ފަރާތްތަކަށް މިއަހަރުގެ ޑިސެމްބަރުގެ މަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އަންނަ މަހުގެ އަށަކުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށެވެ.