ޕީޕީއެމް އަދި ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަށް ފުލުހަށް ހާޒިރު ކުރަނީ ސަރުކާރަށް ކިޔާ ފާޑުކިޔުންތަށް ބަލައި، ހަޖަމު ކުރުމުގެ ގާބިލުކަން ނެތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން އާއި ޕީ.އެންސީގެ ނާއިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ފުލުހަށް ހާޒިރު ވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، އެއްވެސް ޙާލެއްގައި އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކޮށްގެން ކަމަށް އެކޯލިޝަނުން ގަބޫލު ނުކުރާކަމަށާއި، އެފަދަ ޢަމަލުތަކަކީ، ސަރުކާރު ފެއިލްވެ، ރައްޔިތުންގެ ނުރުހުން ސަރުކާރާމެދު އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިފާޅުވެ، ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ޙަޖަމު ނުވާތީ ކުރަމުން ގެންދާ ކަންކަމެވެ. އަދި މިއީ ކަނޑައެޅިގެން ރައްޔިތުންނަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެއް ކަމުގައި ރައްޔިތުންވެސް ޤަބޫލުކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ސަރުކާރު ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން، ސަރުކާރާއި ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި ކުރީގެ ރައީސް ބައިވެރިވެވަޑައިގަތުމާއި، އަދި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އިސްތިޢުފާ ދިނުމާއި ގުޅިގެން، މިއަދު ވެރިކަމުގައި ތިބި ބައެއްގެ ނުރުހުން އެންމެ ބޮޑަށް އޮތް ކުރީގެ ރައީސަށް އަމާޒުކޮށް، ހިންގާ ހަރަކާތަކީ ސަޕޯޓަރުންގެ ރުހުން ސަރުކާރަށް އިތުރުކުރުމަށް ހިންގާ ސިޔާސީ ހަރަކާތެއް ކަމަށް ބުނެފައިވެއެވެ.
މިއަދުގެ ސަރުކާރަށް ކޮވިޑް މެނޭޖް ނުކުރެވި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލި، ސަރުކާރު ފެއިލްވުމާއި އެކު، ކޮންމެ ގޮތަކުންވެސް ވެރިކަން ދަމަހައްޓާ އެކްޓިވިސްޓުންގެ ރުހުން ހޯދުމަށްޓަކައި ހުދުމުޚުތާރުކަމާއެކު ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލާ ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިއަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.