މަސްވެރިން މިފްކޯއަށް ވިއްކާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހާޒިކޮށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ މައްސަލައިގައި މިނިސްޓަރު ޒަހާއާ ސުވާލުކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބުދުﷲއެވެ.
މި މައްސަލައިގެ އިތުރުން އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތާ ބެހޭގޮތުންވެސް މިނިސްޓަރާއި މާދަމާގެ ޖަލްސާގައި ސުވާލުކުރާނެއެވެ.
އެގޮތުން ރ. މަޑުއްވަރީގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ލަސްވާ މައްސަލައިގައި އިދިކޮޅު ޕީއެންސީގެ މަޖިލިސް މެންބަރު އާދަމް ޝަރީފު މިނިސްޓަރާ ސުވާލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ނިމި ޚިދުމަތް ލިބެން ފަށާ ތާރީޙަކާއި ބެހޭގޮތުން ވެސް ޝަރީފް ސުވާލުކުރުމަށް ވަނީ ނިންމަވާފައެވެ.