ބެންކް އޮފް މޯލްޑިވްސް އިިން ވަކިކުރި މުވައްޒަފަކަށް 7 އަހަރުފަހުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ ފުވައްމުލަކު ދޫޑިގަމް، މަލީޝާ، ފާތިމަތު މަލީހާ ޖަމާލަށެވެ. 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަލީހާ ބެންކުގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
މަލީހާ ވަޒީފާ އިން ވަކިކުރި އިރު ހުރީ އެމްއެލްގެ އެމްއެސްއެމްއީ ހެޑްގެ މަޤާމުގައެވެ. މަލީހާ ވަޒީފާ އިން ވަކިކުރި ބެންކުގެ އިތުރު މުވައްޒަފުންތަކަކާއެކު ސްރީލަންކާ އަށް ކުރި ތަމްރީނު ދަތުރަށްފަހު ނުކުރާ ހަރަދުތަކަކަށް ބޭންކުން ފައިސާ ހޯދަން އުޅުނު ކަމަށް ބުނެއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ތަނުން ވަނީ މަލީހާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި ވަޒީފާ އަލުން އިއާދަކޮށް ވަޒީފާ އިން ވަކިކުރި ތާރީޙުން ފެށިގެން ވަޒީފާ އިއާދަކުރާ ތާރީޙާ ހަމައަށް ވާ ފައިސާ ދިނުމަށް ބޭންކަށް އަމުރުކޮށްފައެވެ.
ބެންކް އޮފް މޯލްޑިވްސްގެ ފަރާތުން ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރުމުން 2016 ވަނަ އަހަރު ހައިކޯޓުން އެނިންމުމަށް ތާއީދުކުރީ ޓްރައިބިއުނަލްގެ ނިންމުމަށެވެ. އެއާއެކު ރާއްޖޭގެ އެންމެ މަތީ ކޯޓަށް މި މައްސަލަ ބީއެމްއެލް އިން ވެއްދިއިރު އެ ކޯޓުން މިއަދު އެ މައްސަލާގައި ކުރި ހުކުމުގައި ވެސް ވަނީ ހައިކޯޓަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާއި ނިންމާފައެވެ. މިގޮތަށް ކަނޑައެޅީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މަލީހާއަށް ފިޔަވަޅު އަޅާފައިވަނީ އެ ދަތުރުގައި އޭނާއާއެކު ދެން ބައިވެރިވި މުވައްޒަފުންގެ ބަހެއް ހޯދުމަކާ ނުލައި ކަމަށާއި އެހެންކަމުން މިއީ އެއް ހަމައަކުން މުވައްޒަފުންނާ މެދު ބެންކް އޮފް މޯލްޑިވްސް އިން އަމަލު ކޮށްފައި ނެތްކަން ހާމަވާ ކަމެއް ކަމަށް ޙުކުމުގައި ފަހަގަ ކޮށްފައިވެއެވެ.
މަލީހާގެ މައްސަލައިގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލުކަން ފަހަގަކުރަމެއެވެ.