ކުޅުދުއްފުށިން މާލެ ގެންދިޔަ ކުޑަކުއްޖަކު ކޯވިޑް 19 އަށް ފައްސިވުމާއި ގުޅިގެން ރަށުތެރޭގައި ބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މިހާތަނަށް ތުއްތު ކުއްޖާއާއި އެއްތާވި، އެންމެ ގާތުން ބައްދަލުވި 24 މީހަކު ކޮވިޑް-19 އަށް ޓެސްޓުކޮށް، އެ މީހުންގެ ނަތީޖާވަނީ ނައްސިވެފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، އެ ކުއްޖާއާ މިހާތަނަށް ގާތުން ބައްދަލުވި 54 ވަރަކަށް މީހަކު ފާހަގަވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ސުންކު ނަގަފާއި ވަނީ އެ ކުއްޖާއާ އެންމެ ގާތުން އުޅުނު ކަމަށް ފާހަގަކުރެވުނު 24 މީހެއްގެ ކަމަށާއި، އެ އެންމެންގެ ސުންކު (ސާމްޕަލް)ނައްސިވެފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ
މީގެހަތަރު ވަރަކަށް ދުވަސް ކުރިން އެކުއްޖާއަށް ފަރުވާ ދެމުންދިޔައީ އެރަށު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ. އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލިއިރު، އެ ކުއްޖާއަށް މިހާރު ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައެވެ.
ދާއޫދް ވިދާޅުވީ، އެ ކުއްޖާގެ މައިންބަފައިންގެ ސުންކު މިއަދު ހެނދުނު މާލެއިން ނަގާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ނަތީޖާ ލިބިފައި ނުވާ ކަމަށް ދާއޫދް ވިދާޅުވިއެވެ