DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

މިއިރާކޮޅު – 04

މުޙައްމަދު ނީރު ލިޔުނީ: މުޙައްމަދު ނީރު
އޯގަސްޓް 31, 2020
ވާހަކަ
0
މިއިރާކޮޅު

ހަތަރުވަނަބައި

ADVERTISEMENT

            “ އަހަރެންގެ ރަމްސާ. “ ފެނުނު މަންޒަރުން ގަތްބިރާއެކު އަސްފާނަށް ހަޅޭލަވައި ގަނެވުނެވެ. މަޑުމަޑުން ތިރިވަމުން ތިރިވަމުން ގޮސް ބިންމަތީގައި ކަކޫ ޖެހުނެވެ. ރަމްސާގެ ސަލާމަތަށް އެދި ހިތާ ހިތުން ދުޢާ ކުރެވުނެވެ.

            އެތައް އިރެއް ވާންދެން އެ ދިމާއަށް ބަލަހައްޓައިގެން އަސްފާން ހުއްޓެވެ. ރަމްސާގެ ހިލަމެއް ނުވެއެވެ. ރަމްސާއަށް ކަމެއް ވީ ބާއެވެ. ރަމްސާ ސަލާމަތްވި ބާއެވެ. ރަމްސާ ކޮބައިތޯ ބަލާލަން އެތަނަށް ދާންވީ ބާއެވެ. ސުވާލަކަށްފަހު ސުވާލެއް އުފެދެމުން ދިޔައެވެ. ޖަވާބު ހޯދަން އެންމެ ފިޔަވަޅެއް ވެސް ކުރިޔަކަށް ނާޅައެވެ. އެ ހިތްވަރެއް އަސްފާނަކަށް ނުލިބުނެވެ.

            ރައްޓެހިން ހޭލުމުގެ ކުރިން ގެއަށް ދިއުމަށް އަސްފާން ހިނގައިގަތެވެ. ކުރިން ވެސް ކަންތައް ދިމާވި ގޮތުން އެމީހުން ތިބީ ހިތްހަމަ ނުޖެހިފައެވެ. އެކަން ތަކުރާރުވެގެން ނުވާނެކަމުގައި އަސްފާންގެ ހިތް ބުނަމުން ދިޔައެވެ.  

            ދަތުރުގެ ބައިވެރިން ހޭލުމުގެ ކުރިން ގެއަށް ދިއުމަކީ އަސްފާން ބޭނުންވާގޮތެވެ. ކުރިން ކަންތައް ވީގޮތަށް ބަލާއިރު އެ މީހުން ހޭލުމުގެ ކުރިން ގެއަށް ދިއުން މުހިންމުކަމުގައި އަސްފާނަށް ގަބޫލުކުރެވުނެވެ. އެހެން ނުވެއްޖެނަމަ މަޞްލަޙަތު ގެއްލިދާނެއެވެ.

            ހަސަންބެމެން ބުނާ ގޮތުން މި ރަށަކީ ވަރަށް ނާމާން ރަށެކެވެ. ހަންޑި އާއި ޖިންނި އުޅެއެވެ. ފުރޭތަ އަރައެވެ. ރަށުގެ އެކި ހިސާބުތަކުން ރޭގަނޑުގެ އެކި ވަގުތުތަކުގައި ބޮޑު ކަޅު ފިރިހެނަކު ފެނެއެވެ. ރަށުގެ ތުނޑިމަތިން މަރުވެފައި ހުންނަ ދޫނިތައް ފެނެއެވެ. ބައެއް ދޫނީގެ ކަރުން ކުދިކުދި ލޯވަޅު ފާހަގަ ވެއެވެ. އެ މީހުން ބުނާ ގޮތުން އެ މީހާ ދޫނިތަކުގެ ކަރުން ލޭ ބޮނީއެވެ.

            “ އެ ބުނާ ހަންޑިތަކާއި ޖިންނިތައް ކޮބައިބާ ؟ ހަށިގަނޑުން ބޮޑު ކަޅު މީހާ ކޮބައިބާ ؟ ލޭ ބޯލާނެ ދޫންޏެއް ނެތީބާ ؟ މި ހުރިހާ ކަމެއް މިހެން އޮތްއިރު މިރަށަށް ދަތުރު އައީ ކީއްވެބާ ؟ “ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ހުރި އަސްފާނަށް ދެވެނީ ކޮން ދިމާއަކަށް ކަމެއް އޭނާއަށް އެނގޭ ހެނެއް ހިޔެއް ނުވެއެވެ.

            ޚިޔާލީ ދުނިޔެއެއްގައި ހުރެގެން ހިނގަމުން ހިނގަމުން ދިޔަ އަސްފާން ސިއްސައިގެން ދިޔައީ ވަރަށް ކައިރިން ދޫންޏެއް ގޮވާލި ބާރު އަޑަށެވެ. ވޭނުން ފުރިގެންވީ އެއަޑަށް އަސްފާންގެ ސަމާލުކަން ހުއްޓެވެ. އަވަސް އަވަހަށް ވަށައިގެން ބަލާލެވުނުއިރު އޭނާއަށް ހުރެވުނީ އެ ބުނާ ތުނޑިއާއި ވަރަށް ކައިރީގައެވެ. 

            އަޑު އައި ދިމާއަށް ބަލާލި ވަގުތު ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ.

            ބޮޑު ކަޅުމީހެކެވެ. ފަލަމިނުގައި ހައެއްކަ ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭއިރު ދިނުމިނުގައި ދިހަވަރަކަށްފޫޓް ހުންނާނެއެވެ. އެ މީހާގެ އަނގައިން ހުދުކުލައިގެ އެއްޗެއް ބޭރަށް ފެންނަން ހުއްޓެވެ. ހީވާގޮތުން އޭނާ ކޮންމެ ވެސް އެއްޗެއް ކަނީއެވެ. ގަތްބިރާއިއެކު މުޅިމީހާ ތުރުތުރު އަޅައިގެން ދިޔައެވެ. ހަދާނެގޮތް ހުސްވެ މީހާ ގަނޑުވި ކަހަލައެވެ.  

            އެ މީހާ އަނގަ ޖަހައިގެން އުޅުނު ދޫނި ވައްޓާލީ އަސްފާން ބަލަން ހުއްޓައެވެ. ލޯ ބޯލާފައި އެއްލާލީ ކަމަށް ވެސް ވެދާނެއެވެ. އެހެން މީހަކު އެ ވާހަކަތައް ގަބޫލު ނުކުރި ނަމަވެސް އެ ހުރިހާ ކަމެއް ހިނގައި ދިޔައީ އަސްފާންގެ ކުރިމަތީގައެވެ. ވަށައިގެން ހޯދާލަމުން އެ މީހާ ހިނގައިގަތީ އަސްފާނާއި ދިމާއަށެވެ. ތުނޑިމަތީގައި ނިދާފައި ތިބި ދޫނިތައް އަޑުއަޑު ލައްވަމުން އުދައްސައިގަތީ މުޅިތަނަށް ފެތުރިގެންދިޔަ ބާރު ހުނުމުގެ އަޑާއިއެކުއެވެ. އަންހެނެއްގެ އަޑުން އިވިގެންދިޔަ އެ ހުނުމުގެ އަޑު މަދު ސިކުންތުކޮޅެއްގެތެރޭގައި ކެނޑުނު ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. 

            ވަގުތުތައް ފާއިތުވަމުން އައިސް އިރު އަރަނީ އެވެ. ފަޅުރަށަކަށް ދެވިއްޖެނަމަ ރަށްވަށައި ބުރެއް ޖަހާލުމަކީ ގިނަ ދިވެހިންގެ އާދައެކެވެ. ހޭލެވުމާއިއެކު ސާލިސް ބޭނުންވީ ރަށްވަށައި ހިނގާލަން ދާށެވެ. ފަހަރެއްގައި ވެލައެއް އަރާފައި އޮވެދާނެ އެވެ. ވެލާ ބިސްކޮޅެއް ލިބިއްޖެ ނަމަ ކޮންމެ ވެސް ރަނގަޅު ކާ އެއްޗެއް ތައްޔާރު ކޮށްލެވިދާނެއެވެ.

            ސާލިސްގެ އެ ވާހަކަތައް އަބީރަށް ވަރަށް ކަމުދިޔައެވެ. ހެނދުނު ހެނދުނާ ތެދު ހިނގާލަން ދިޔުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށް ބުންޏެވެ. ސާލިސްއާއެކު ދިއުމަށް ތައްޔާރު ވިއެވެ.

            އަސްފާނަށް ހޭވެރިކަން ވީ ބަޔަކު މީހުން އޭނާއަށް ގޮވާ އަޑަށެވެ. ފުންމައިގެން ތެދުވަމުން ވަށައިގެން ހޯދާލިއިރު އޭނާ ކައިރީ ތިބީ ސާލިސް އާއި އަބީރެވެ. އެ މީހުނަށް އެއްވެސް ސަމާލުކަމެއް ނުދީ އެކި ފަހަރު އެކި ދިމާއަށް އަސްފާން ބަލަމުން ދިޔައެވެ. އޭނާގެ ފަރާތުން ފެންނަމުންދިޔަ ހާސްކަމާއި ނުތަނަވަސްކަން އަބީރުމެނަށް ފާހަގަވިއެވެ.

            ކިހިނެތްވީތޯ އާއި މިތަނަށް އައީ ކޮން އިރަކު ކީއްކުރަންތޯ ސާލިސް ސުވާލު ކުރުމުން އަސްފާން ޖަވާބެއް ނުދިނެވެ. ހައިރާންކަމާއި ކަންބޮޑުވުމާއެކު ސާލިސްއަށް ބަލަހައްޓައިގެން ހުރީއެވެ. ދޭތެރެއަކުން މުޅި ތުނޑިއަށް ނަޒަރު ހިންގާލައެވެ. ކޮންމެ ވެސް އެއްޗެއް ފެނޭތޯ ބަލާހެން ވެސް ހީވެއެވެ.

            އަސްފާންގެ ހާލަތު ރަނގަޅު ނޫންކަން އަބީރަށް ވިސްނުނެވެ. އަތުގައި އޮތް ފެންފުޅިއަށް ބަލަހައްޓައިގެން ހުރެ ސިއްރު ސިއްރުން ކޮންމެ ވެސް ކިޔެވުމެއް ކިޔަވާލިއެވެ. ވަގުތާއި ހާލަތާއި ގުޅޭ ދުޢާއެއް ކޮށްލީ ކަމަށް ވެސް ވެދާނެއެވެ. ފެންފުޅި އަސްފާން އަތަށް ދެމުން ފެންފޮދެއް ބޯލުމަށް ބުންޏެވެ. ހާލު ރަނގަޅުތޯ އަހާލަމުން ގެއާއި ދިމާއަށް ހިނގައިގަތެވެ.

            އަސްފާން ހަމައަކަށް އެޅުނީ ކުޑައިރުކޮޅެއް ފަހުންނެވެ.

            ތުނޑިމަތިން ފެނުނު ކަންތައް އަސްފާން ކިޔައިދިނުމުން އަބީރާއި ސާލިސް ގަބޫލުކުރިއެވެ. އެ މީހުން ބުނިގޮތުގައި އެ މަޚުލޫގަކަށް ތިރިއެއް ނުފެންނާނެއެވެ. އަނބުރައި ގަނެގެން ވެއްޓުން އެއީ އަސްފާންގެ ނަސީބެވެ. އެހެން ނޫންނަމަ އޭނާ ސަލާމަތެއް ނުވީހެވެ. އެފަދަ ބައެއް ވާހަކަތައް އެ މީހުން ވެސް ވަނީ އަޑުއަހާފައެވެ.

            ހެނދުނުގެ ސައި ތައްޔާރު ކުރުމާއިގެން އަސްފާންމެން އުޅެނިކޮށް ސަފާރީބޯޓް ނައްޓާލައިފިއެވެ. ރޭގައި އެއްވެސް ގޯހެއް ހިނގާދިޔަ ނަމަ ކޮންމެ ވެސް ޚަބަރެއް ވާނެކަމުގައި އަސްފާންގެ ހިތް ބުންޏެވެ.

ލިބުނު ކާމިޔާބަށް ހިނިތުންވަމުން ބޯޓާއި ދިމާއަށް ބަލަހައްޓައިގެން އަސްފާން ހުއްޓެވެ. ރޭވުންތައް ކުރިޔަށް ހުރިއިރު ކާމިޔާބު ވާނެކަމުގެ އުންމީދު ބޮޑެވެ.

އަސްފާންމެނަށް ރަށެއް ދެވުނީ އެކެއް ޖަހާކަން ހާއިރުއެވެ. ތަންތަނަށް ގެންދަންޖެހޭ ތަކެތި އެތަންތަނަށް ގެންދިއުމަށް އެންމެން އަވަސް ވެގަތެވެ.

އަސްފާނަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. އަވަސް އަވަހަށް ލޯ ހުޅުވާލަމުން ފޯނު ބަލާލިއިރު ގުޅަނީ މަޒާޔާއެވެ.

ވަރަށް މުހިންމު ކަމެއްގައި ދާން ޖެހިއްޖެ ކަމަށް ބުނަމުން އަސްފާން ފޯނު ކަނޑާލީ ބަނދަރަށް ދިއުމުގެ ބޭނުމުގައެވެ. މިވަގުތަށް އެންމެ މުހިންމީ ރަމްސާ އެވެ. ކޮންމެ ގޮތަކުން ނަމަވެސް އެނާގެ ރޭވުމަށް ކާމިޔާބު ކުރަން އަސްފާން ބޭނުމެވެ. އެ ފުރިހަމަ ރީތި މަލުގެ ފޮނިކޮޅު ބޯލުން ނޫން އެހެން އެއްވެސް މަޤްޞަދެއް އޭނާގެ ނެތެވެ. އެކަން ހާސިލު ވުމުން ރަމްސާގެ މަތިން ހަނދާން ނައްތާލުމަށްފަހު އަބަދުގެ އަބަދަށް އޭނާ ރަމްސާއާ ދުރަށް ދާނެއެވެ.

މަޒާޔާ އަކީ އޭނާގެ ހިތުގެ ބައިވެރިޔާ އެވެ. އުމުރަށް އެކުގައި އުޅުމަށް ހޮވި ބައިވެރިޔާއެވެ. އޭނާ ނޫން މީހަކާއި އަސްފާން ކައިވެންޏެއް ނުކުރާނެއެވެ.

އަސްފާން މަތިރިމައްޗަށް ނުކުތްއިރު އެ ސަރަހައްދު ފެންނަނީ ވަރަށް ފަޅުކޮށެވެ. ހޮޅުއަށި ސަރަހައްދުގައި ވެސް އެއްވެސް މީހަކު ނެތެވެ. މިގަޑީގައި އެސަރަހައްދު އެގޮތަށް ފެނުމުން ކޮންމެ ވެސް ވަރެއްގެ ހައިރާންކަމެއް ވެސް ލިބިގެން ދިޔައެވެ.

ރަމްސާ އާއި އަސްފާން ވާހަކަ ދެއްކި ގޮތަށް ކަންތައް ކުރުމަށް މަގު ފަހިވުމުން އަސްފާން ވަރަށް ހިތްހަމަ ޖެހުނެވެ.

ރަށުބަނދަރަށް ވަތް ސަފާރީބޯޓު ފެނުމާއިއެކު އަސްފާނަށް ހިނިތުން ވެލެވުނެވެ. އެދިއެދި ހުރި ފުރުސަތަށް މަގު ފަހިވުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ.

ސަފާރީބޯޓު އައިސް ބަނދަރުގެ ތޮށިގަނޑާއި ގާތްކޮށްލުމާއިއެކު އަސްފާން ވެސް އެ ދިމާއަށް ގާތްވެލިއެވެ. ކަމެއް ހާސިލުކުރަން ބޭނުންނަމަ އެކަމަށް ފަހި ކުރަން ޖެހޭ މަގުތައް ފަހި ކުރުމަކީ އެންމެ އިސް ކަންތަކެވެ. ބޯޓު މީހުން ބޭނުންވި ފަދައިން އެއްގަމަށް ވާތައް އެއްސުމުގައި އަސްފާން އެހީތެރި ވިއެވެ. 

އެއްގަމަށް ފޭބި ފަނަރަ ވަރަކަށް ފަތުރުވެރިންގެ ތެރޭގައި ރަމްސާއެއް ނެތެވެ. ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް އަސްފާން ހަމަޖެހިލައިގެން ހުރީ ރަމްސާ އަދި ފައިބާނެކަން ޔަގީން ވާތީއެވެ. އޭނާގެ ހިތް ތަޅުވާލުމަށް ރަމްސާ މަޑުކޮށްލައިގެން ހުރީ ކަމަށް ވެދާނެތީއެވެ.

މެދުއުމުރުގެ ދިވެއްސަކު ބޯޓުން ފޭބިއެވެ. ހެދުން އަޅާފައި ހުރިގޮތުންނާއި ޢަމަލުތައް ހުރިގޮތުން އޭނާ އަކީ ބޯޓުގެ ކޮންމެ ވެސް މުހިންމު މީހެއްކަން އެނގެއެވެ. އެ މީހާ އައިސް އަސްފާނާއި ވާހަކަ ދެއްކިއިރު އަސްފާން ފިޔަވާ އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ ބުނިގޮތުން އޭނާއަކީ އެ ބޯޓުގެ މެނޭޖަރެވެ. 

ރަމްސާ ފައިބާނެކަމަށް އަސްފާނަށް ހީކުރެވުނު ނަމަވެސް ރަމްސާގެ ޚަބަރެއް ނުވިއެވެ. ރަމްސާއާ ބެހޭ ގޮތުން ބޯޓުގެ މީހުނާއި ސުވާލު ކުރާކަށް އަސްފާނަކަށް ނުކެރުނެވެ.

ބޯޓުގެ މެނޭޖަރ ސުލޭމާން އެދުނު ފަދައިން އެ މީހުނަށް ރަށުގެ މުހިންމު ތަންތަން ދައްކާލައި ވިޔަފާރި ކޮށްލުމަށް އެހީވުމަށް އަސްފާން އެއްބަސްވިއެވެ. އެމީހުން ގޮވައިގެން އެއްގަމާއި ދިމާއަށް މިސްރާބުޖެހިއެވެ.

ދެކެވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ސުލޭމާނާއި އަސްފާންގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނެވެ.

ކިތަންމެ ގާތްކަމެއް އުފެދުނު ނަމަވެސް އެހާ އަވަހަށް ރަމްސާގެ ވާހަކަ ދައްކާކަށް އަސްފާނަކަށް ނުކެރުނެވެ. ރަމްސާ ކޮބައިތޯ ބަލަން ކެތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރުން ބުއްދިވެރިކަމުގައި އަސްފާނަށް ވިސްނުނެވެ. ކޮންމެ ވެސް މުހިންމު ކަމެއް ދިމާނުވާ ނަމަ ރަމްސާ ފައިބާނެކަން އޭނާއަށް ޔަގީންވެއެވެ.

ވަޒީފާއެއް ހޯދަން އުނދަގޫ މިޒަމާނުގައި ވަޒީފާއަކަށް މަގުފަހިވާ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމަކީ ވަރަށް މުހިންމުކަމެވެ. ރަމްސާ ދިން މަޢުލޫމާތާއި އެއްގޮތަށް ޢަމަލުކުރުމަށް އަސްފާން ނިންމިއެވެ. ވަޒީފާ ނުލިބުނަސް ގެއްލުމެއް ނެތްތާއެވެ.

ވަޒީފާއެއް ލިބިދާނެތޯ އަސްފާން ސުވާލު ކުރުމުން ސުލޭމާން ހިނިތުންވެލިއެވެ. ތަޢުލީމު ހާސިލުކުރީ ކޮން ދާއިރާއަކުންތޯ އާއި މިހާތަނަށް ވަޒީފާ އަދާކުރީ ކޮންތާކުތޯ އަހާލިއެވެ. ސުލޭމާންގެ ކިބައިން ފެނުނު ހިތްހެޔޮކަމާއި ގާތް ކަމުގެ ސަބަބުން އަސްފާންގެ އުންމީދު އާވިއެވެ. ޔަގީންކަން ބޮޑުވިއެވެ.

އަސްފާންގެ ތަޢުލީމީ ހަޔާތް ނިމުނީ ދާދި ފަހުންނެވެ. ތަޢުލީމު ހާސިލުކުރުމަށް މާލޭގައި އުޅުނުއިރު ދުވަސްވަރު ތިން އަހަރެއްހާ ދުވަހު ޕާޓުޓައިމް ވަޒީފާއެއްގެ ގޮތުގައި ރެސްޓޯރެންޓެއްގެ ވެއިޓަރަކަށް އުޅުނެވެ. އެތަނުން ދީފައިވާ ލިޔުމުގެ ފޮޓޯއެއް ފޯނުން ދައްކާލިއެވެ.

އަސްފާން ބޭނުންވި ފަދައިން ވަޒީފާ ހަމަޖެހުނެވެ. ތަޢުލީމު ހާސިލުކުރަމުން ދިޔަ ދުވަސްވަރު ޕާޓުޓައިމް ވަޒީފާއެއްގެ ގޮތުގައި ނަމަވެސް ވެއިޓަރުކަން ކުރެވުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. 

ހަވީރު ފަސްގަޑި ތިރީސްކަން ހާއިރެވެ. ރަށުގެ މުހިންމު ތަންތަން ބަލާލައި ވިޔަފާރިކޮށް ނިމުމުން ފަތުރުވެރިން ބޭނުންވީ ބޯޓަށް އަރާށެވެ.

ދެވަނަ ފަހަރަށް ބޯޓު ކައިރިއަށް ދެވުމުން ވެސް އަސްފާން ބެލީ ރަމްސާ ކޮބައިތޯ އެވެ. ރަމްސާ ދެކިލާ ހިތުން އޭނާއަށް ކެތްވަނީއެއް ނޫނެވެ. އެކިފަހަރު އެކިދިމާއިން ބޯޓާއި ގާތްވެ ބޯޓުތެރެއަށް ނަޒަރު ހިންގިއިރު ވެސް ރަމްސާއެއް ނުފެނުނެވެ.

ކަމެއް ބޭނުން ވެއްޖެނަމަ ގުޅާލަން ބުނަމުން އަސްފާން ހިނގައިގަތީ ރަށުތެރެއާ ދިމާއަށެވެ. ވަޒީފާ ލިބުމުން ކިތަންމެ ހިތްހަމަ ޖެހުނު ނަމަވެސް ރަމްސާ ނުފެނުމުން އަސްފާން ހުރީ ނުތަނަވަސް ވެފައެވެ. ހައިރާންވެ ކަންބޮޑު ވެފައެވެ. ޖަވާބު ހޯދަން ބޭނުންވި އެތައް ސުވާލެއް ހިތުގައި އުފެދެމުން ދިޔައެވެ. 

ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އަމާޒަކަށް ވެފައި ވަނީ ރަށުގެ ދެކުނު ފަރާތެވެ. ބައިބަޔަށާއި ވަކިވަކިން ރައްޔިތުންތައް އެދިމާއަށް ދާތީ ފެނުނެވެ. ބައެއް މީހުން ސައިކަލްތަކުގައި އެދިމާއަށް މިސްރާބު ޖަހާފައިވާއިރު ދުވެފައިދާ މީހުން ވެސް ފެނެއެވެ. އަސްފާން ހައިރާންވެ ކަންބޮޑުވިއެވެ.

ކުއްލިއަކަށް އިވުނު ވާހަކައެއްގެ ސަބަބުން އަސްފާނަކަށް ކެތެއް ނުވިއެވެ. އަވަހަށް އެދިމާއަށް ދާން ބޭނުން ވިއެވެ.

މަރުވެގެން ލައްގާފައިވާ ކަމަށް ބުނާ އަންހެންމީހާގެ ހަށިގަނޑު އޮތީ ރަށުގެ ދެކުނުފަރާތު ގޮނޑުދޮށުގައެވެ. މޫނުމައްޗަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެއްވެސް ވަރަކަށް އޭނާގެ ސިފަ ވަކިކުރާކަށް ނޭނގެއެވެ. މޫނުމައްޗަށް ލިބިފައިވާ ގެއްލުމުގެ އިތުރުން އެއް އަތުގެ އަތްތިލަ އާއި އަނެއް އަތުން ބައެއް މަދެވެ. ބައެއް މީހުން ބުނާ ގޮތުން އެ އަންހެންމީހާއަށް ހަމަލާ ދީފައިވަނީ ބޮޑު މިޔަރެއް ކަހަލަ ކޮންމެ ވެސް އެއްޗެކެވެ. 

އެބުނާ އަންހެން މީހާގެ ހަށިގަނޑު ފެނުމާއެކު އަސްފާން ދިޔައީ ސިއްސައިގެންނެވެ. ލިބިފައިވާ ގެއްލުމުގެ ސަބަބުން ސިފަ ވަކިކުރަން ނޭނގޭ ވަރަށް މޫނުމަތި ހަލާކުވެފައިވީ ނަމަވެސް އެ އަންނައުނާއި އެ ހަށިގަނޑު ފެނުމުން އަސްފާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ފުރަތަމަ ފެނިލުމާއި އެކުވެސް އެއީ ރަމްސާގެ ހަށިގަނޑުކަން އަސްފާނަށް ޔަގީންވިއެވެ. ހަރަކާތް ހުސްވި ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ހުއްޓާ ކުއްލިއަކަށް ހަނދާންވީ ރޭގެ އެ ހާދިސާ އެވެ. ދެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

                                                   ނުނިމޭ

ގުޅުންހުރި ލިޔުންތައް

އަބަދުވެސް އިންތިޒާރު ކުރާނަން – 01

އަބަދުވެސް އިންތިޒާރު ކުރާނަން – 11

ޖެނުއަރީ 19, 2021
ކުރެހުން އެޅުނޭ ހިތުގެ އަޑީގައި… – 01

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި… – 22

ޖެނުއަރީ 16, 2021
ކުރެހުން އެޅުނޭ ހިތުގެ އަޑީގައި… – 01

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި… – 21

ޖެނުއަރީ 13, 2021
އަބަދުވެސް އިންތިޒާރު ކުރާނަން – 01

އަބަދުވެސް އިންތިޒާރު ކުރާނަން – 10

ޖެނުއަރީ 12, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ހަރުކަށި ފިޔަވަޅުއަޅައި ކޯވީޑް-19 ކޮންޓުރޯލް ކުރުމަށް މަޢުމޫން ގޮވާލައްވައިފި

    ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0
  • ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ވާރިސުން ތިބިއިރު ބަލާނެ މީހަކު ނުވި، އެންމެފަހުން ދައުލަތުން އަލިފުތާއި ހަވާލުވެއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In