ވައިރަހާއި ގުޅުން ހުރި އެތައް ބައިވަރު ކުށްތަކެއްގައި އެތައްހާސް ބަޔަކު ޗައިނާއިން ވަނީ މިހާތަނަށް ހައްޔަރުކޮށްފައި ކަމަށް އެޤައުމުން ބުނެފިއެވެ.
އެ ޤައުމުގެ ޕްރޮސެކިޔުޓަރ އޮފީހުން ޢާންމު ކުރި މަޢުލޫމާތުތަކަށް ބިނާ ކޮށް މިހާތަނަށް 5800 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހެލްތު ވޯކަރުން މަރާލުމުގެ ތުހުމަތުގައާއި ހަލާކުވެފައި ހުރި ސިއްހީ ސާމާނު ވިއްކުމުގެ ތުހުމަތުގައާއި، ދަތުރު ކުރި ތަންތަން އޮޅުވާލުމުގެ ތުހުމަތުގައި ގިނަ ބަޔަކު ތިބިކަމަށް މި އޮފީހުންވަނީ ބުނެފައެވެ. އަދި މީގެ ތެރޭގައި ފިހާރައެއްގެ ތެރޭގައި މާސްކު އެޅުމަށް ބުނުމުން މީހަކު މަރާލުމުގެ މައްސަލައެއްވެސް ހިމެނެއެވެ.
އެހެނިހެން ކޭސްތަކަށް ބަލާލާއިރު، ހެލްތު ވޯކަރުން ގައިގާ ކާރަކުން ޖެއްސި މައްސަލައަކާއި، ހެލްތު އިންސްޕެކްޓަރެއް ހުން ބެލުމަށް މަސައްކަތް ކުރުމުން ވަޅިން ހަމަލާ ދިނުންވެސް ހިމެނެއެވެ.
ކޮރޯނާ ވައިރަހުގެ ނަމުގައި މީހުން އަތުން އޮޅުވާލައިގެން ލާރި ފޭރުމުގެ މައްސަލަތަކާއި، ފަންޑު ހޯދުމުގެ ނަމުގައި އޮޅުވާލުންވެސް ވަނީ އިތުރުވެފައި ކަމަށް އެ އޮފީހުގެ ބަޔާނުގައިވެއެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދޫކޮށްލީ ކިތައް މީހުން ކަމާއި، ހުކުމް ކޮށްފައިވަނީ ކިތައް މީހުންނަށް ކަން މި ބަޔާނުގައި ހާމަކޮށްފައި ނުވީ ނަމަވެސް، އަދިވެސް ގިނަ ބަޔަކު ހައްޔަރުކުރަމުން ދާ ކަމަށް ގިނަ ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކުރެއެވެ.
އެ ޤައުމުގައި، މި ވައިރަސް މި ވަގުތު ކޮންޓްރޯލު ކޮށްފައިވާއިރު، އެ ޤައުމުގެ ސަރުކާރުން އަންނަނީ މި ކޮންޓްރޯލު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.