އާދީއްތަ ދުވަހާއި ހަމައަށް އައި އިރު، އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިގެން 6 މިލިޔަން މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާ ތަކުން ބުނެފިއެވެ.
ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގައި މުޅި ދުނިޔެއިން މިހާތަނަށް 25 މިލިޔަން މީހުންނަށް ބަލި ޖެހިފައިވާއިރު، ކޮންމެ 4 ދުވަހަކުން މުޅި ދުނިޔެއިން 1 މިލިޔަން މީހުންނަށް މި ބަލި ޖެހެމުންދާ ކަމަށް ދިރާސާތަކުން ދައްކައެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގައި އާދިއްތަ ދުވަހާއި ހަމައަށް ޖޯން ހޮޕްކިންސް ޓްެރެކަރ އިން ދައްކާ ގޮތުގައި 5.99 މިލިޔަން މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 183،000 މީހުން ވަނީ މަރުވެފައެވެ.
މި ޓްރެކަރއިން ދައްކާގޮތުގައި، އެމެރިކާގައި 4 މިލިޔަން މީހުންނަށް ބަލި ޖެހުނުތާ 17 ދުވަސް ތެރޭ މި ޢަދަދު މިވަނީ 5 މިލިޔަންއަށް އަރާފައެވެ. އަދި މި ބަލީގެ ސަބަބުން، އެމެރިކާއަށް އަންނަނީ ނުހަނު ގިނަ ގުނަ ނޭދެވޭ އަސަރުތަކެއް ކުރަމުން ކަމަށް ދުުނިޔޭގެ ގިނަ ބަޔަކު ދަނީ ފާޅުގައި ބުނަމުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ފެންމަތިވެފައިވާއިރު، އެ ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަދަވަަޅެއްގެ ތެރޭގައެވެ. މި ވަގުތު އެމެރިކާގެ ރައީސްއަށް ޤައުމު ކޮޅަށް ޖެހުމަށް ނުކުޅެދިފައިވާއިރު، އެ ޤައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ބުނާ ގޮތުގައި، ވެކްސިންގެ ތަހުލީލުތައް ނިމުމުގެ ކުރިން އެމަރޖެންސީގައި ނެރުމަކީ މިހާރު ނުވެނުދާނެ ކަމެކެވެ.
މިހާތަަނަށް މުޅި ދުނިޔެއިން 8 ލައްކަ އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާއިރު، ގިނަ ޤައުމުތަކަކުން އަންނަނީ މި ބައްޔަށް ފަރުވާއެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެެވެ.