ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން ހައިޟުވާ ދުވަސްވަރު ޗުއްޓީއެއްދޭން ލާޒިމުކޮށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިސްލާހަށް އެމްޑީޕީގެ މެމްބަރުންގެ ތާއީދު ނެތްކަން ހާމަވެއްޖެއެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މި އިސްލާހު ފޮނުއްވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އެކުލަވާލި ރިޕޯޓަށެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައިވަނީ، މުވައްޒަފުންނަށްދޭ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު މުސާރަ ލިބޭ ގޮތަށް ގާނޫނުގެ ދަށުން ލިބޭ ސަލާމުގެ ޗުއްޓީގެ އިތުރުން އެއް ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށެވެ.
އެ އިސްލާހާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އިސްލާހު ފާސް ކުރަން ފެނޭތޯ ވޯޓަށް އެހިއެވެ. އެކަމަކު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށެވެ.
ޗުއްޓީގެ ބޭނުންނުކޮށް ވަޒީފާއަށް ނުކުންނަ ނަމަ ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުގެ އަސާސީ މުސާރައިން އެއް ދުވަހު ޖެހޭ މިންވަރު އިތުރަށް އެ މުވައްޒަފަކަށް ދޭން ވާނެ ކަމަށް އިސްލާހުގައިވެއެވެ.