ފާއިތުވު އަހަރު މިފްކޯއިން މަސް ގަނެގެން ބޭރަށް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީއަށް ބަލާއިރު އެވްރެޖުކޮށް ކިލޯޢަކުން 3 ރުފިޔާގެ ގެއްލުމެއް ވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ދައުލަތުގެ ކުންފުންޏެއް ނަމަވެސް އެ ކުންފުންޏާ ގުޅޭގޮތުން މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ވިއްކާ މަހަށް ފައިސާ ނުލިބޭ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
”މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވުމުގައި ގިނަ މައްސަލަތަކެއް އެބަހުރި. މި މައްސަލައިގެ އަސްލު ގުޅިފައިވަނީ މިފްކޯއިން މަސް ގަންނަމުންދާ އަގު. މިހާރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ އެކްސްޕޯޓް ބާޒާރުގައި ލިބޭ އަގަށް ބަލާއިރު ގެއްލުމުގައި،“ ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ އެހެން ސަބަބުތަކުގެ ތެރޭގައި މިފްކޯގެ ހިންގުމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި އިހުމާލުތަކުގެ ސަބަބުން މިފްކޯގެ މާލީ ހާލަތު ދަށްވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސައުދީގެ އެހީގައި ގއ. ކޫއްޑޫ ތަރައްގީ ކުރުމަށް 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާއިރު ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.