ރާއްޖޭގެ ކުރީގަ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް ލިބޭ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ދިނުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަނދު ހުސެއިން ވިދާޅުވީ ރައީސް ވަހީދު އަކީ ރައީސް ކަމުގެ ދައުރު ފުރިހަމަ ކޮށްފައިނުވާ ބޭފުޅެއް ކަމަށާއި، އަދި އެލިބޭ އިނާޔަތްތަށް އެލިބެނީ ބަޣާވާތް ކޮށްގެންކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަނދުން ހުސެއިން ޑރ. ވަހީދުއާއި މަޖިލީހުގެ ޖަލްސާގައި މުހާތަބު ކުރެއްވީ ”ކާޅު“ އަދި ”ބާޣީ“ ގެ ނަމުންނެނެވެ. މިގޮތަށް ރައީސް ވަހީދުއާއި މުހާތަބު ކުރުމުން މަޖިލީހުގެ ރައީސް އެކަން ހުއްޓުވާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
”އަޅުގަނޑު ދަންނަވާނީ ނަޒާހަތްތެރި ބޭފުޅުން މި ތަންތަނަށް އައިސް، ގަވައިދު ހެދުމާ އެކީގައި ކަނޑާލާށޭ އިނާޔަތް. އެއީ ގާނޫނާ ހިލާފަށް ދެމުން އަންނަ އެއްޗެއް. ނަގައިގެން ހުރެ ނުކުމެ ރާއްޖޭގެ ރައްޔިތުންނަށް ދެނީ އަނިޔާ އާއި ވޭން،“ ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަމުން އަނދުން ހުސެއިން ވިދާޅުވީ، އިއްޔެގައި ފުލުސް އޮފީހަށް ރައީސް ވަހީދު ވަޑައިގެންނެވީ ”ބޮޑު ޑިސް އެންޓެނާއެއް“ ވަރުގެ މާސްކެއް އަޅުއްވައިގެންނެވެ. އަދި މާސްކް އައްސަވާފައި ހުންނެވީ ”އޮޑި ދޯނި ފަހަރު“ ބަންނަވަރުގެ ދެ ވަލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ވަހީދަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވީ ކަމަށާއި، އެދުވަހު ގައުމުގައި ކުރީ ބަޣާވާތެއް ކަމަށެވެ.