ހުޅުމާލޭގައި މުޅިން އަލަށް އިމާރާތް ކުރި ފުލުހުންގެ އާއު އިމާރާތް މިއަދު ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުވާފައި މިވަނީ ފުލުހުން މަދަނީ ބަޔަކަށް ހެދިތާ 16 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރޭގައެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި އެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
ހުޅުމާލޭގައި މިއަދު ހުޅުވި ޕޮލިސް ސްޓޭޝަނަކީ 2015 ވަނަ އަހަރުގައި ބިންގާ އަޅާފައިވާ ތަނެކެވެ. އެހެން ނަމަވެސް އެ އިމާރާތް ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ޒައާމަތުގައެވެ.
23225 އަކަފޫޓުގެ ބިމުގައި ތަރައްޤީ ކުރި 3 ބުރީގެ އިމާރާތަށް 27.5 މިލިއަން ރުފިޔާ ހޭދަކުރިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ވަނީ ނިންމާފައެވެ.