ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީން ކަން ހޯދުމަށް ވަކިވަކު ފުލުހުން އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށް ހޯމް މިނިސްޓަރ އިމްރާ އަބްދުﷲ މިއަދު ފުލުހުންނަށް ގޮވާލާފިއެވެ.
ހުޅުމާލޭގައި ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރުމަށް ފެށެ ފުލުހުންގެ އައު އިމާރާތް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ފުލުހުން މުޖުތަމައު އަށް ފޯރުކޮށްދެމުން އަންނަ އަމަން އަމާންކަން ގާއިމްކޮށް ދިނުމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ހިދުމަތަކީ މުޖުތަމައުއަކަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކުގެ ތެރެއިން މުހިންމު އެއް ހިދުމަތް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރަނގަޅު މުޖުތަމައުއެއް ގާއިމް ކުރަން އެންމެ މުހިންމު ދެ ސިފައަކީ އިގްތިސާދީ ތަނަވަސްކަމާއި މުޖްތަމައުގެ އަމަން އަމާންކަން ކަމަށެވެ. އަދި މި ދެ ސިފައަކީ މުޖްތަމައު ދެމި އޮތުމަށްޓަކައި ލާޒިމްކުރާ ދެ ސިފަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމާންކަމާއި ރައްކާތެރިކަމާއި މިއަދުގެ ދުނިޔޭގައި ލިބެނީ ފުލުހުން ކުރާ މަސައްކަތުން ކަމަށާއި، މި ޒިންމާއަކީ ފުލުހުން އެކަމުގެ މަތިން ހަނދާންކުރާ ހާލު ފަހުރުވެރިވާން ޖެހޭ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
”އަޅުގަނޑު އެދެނީ ފުލުހުންނަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ކުރާ، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހްތިރާމް ލިބިގެންވާ ބަޔަކަށްވުން. މި ސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް،“ އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ ތެރެއިން އެއް ފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުންކޮޅެއް ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން އުފެދެމުން ދިއުން އެއީ އެންމެން ހިތާމަކުރާ ކަމެއް ކަމަށެވެ.