ތިލަފުށީ ކައިރިން ފެނުނީ ބިދޭސީއެއްގެ ހަށިގަނޑު – ފުލުހުން
ތިލަފުށީ ކައިރިން އިއްޔެ ފެނުނީ ތިލަފުށީ ސައިޓެގައި މަސައްކަތްކުރާ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން މިއަދު ހަމަކުރައްވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތިލަފުށީ ބޭރު ކަނޑުމަތިން، މަރުވެފައި އޮއްވާ ފެނުނީ ތިލަފުށީގައި މަސައްކަތްކުރާ ނޭޕާލްގެ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލް މަޢުލޫމާތު ދެއެވެއެވެ.
އިއްޔެ ހެނދުނު 8:30 ހާއިރު ތިލަފުށީ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް އެ ހާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތު ލިބިފައި ނުވާތީ ބިދޭސީ މީހާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތައް ހުރި ކަމެއް ނުވަތަ ނޫންކަމެއް ސާފުވާގޮތްވަނީ ނުވެފައެވެ.
ސިނާއީ ކަންކަންކުރުމަށް ތިލަފުށީ އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމަޑޭޝަން ހަމަޖައްސައިފައި އެރަށުގައި ހުރެއެވެ.