ކޮވިޑް-19 އާއި ގުޅިގެން އެކިއެކި ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެެވެ.
މި ކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެކިއެކި ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ބަންގްލަދޭޝްގެ 11 މީހަކު ފިލާފައިވާކަމަށެވެ. މި ގޮތުން އެ މީހުން ފިލާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭތީ އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށްކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ގާމަކުރިގޮތުގައި މި މައްސަލަތަކާއި ގުޅިގެން ހޯދަމުންދަނީ ރޮޕަކް ކުރި, ބައްޗު، އެމް.ޑީ ސަހަޑަ މަތުއްބަރު، އެމް.ޑީ މިލޮން ޝެކް، ސުމޮން އަޙްމަދު ، ރަބް، މުޙައްމަދު ރުބެލް މިއަހް، މަޒްނު ޕްރަމަނިކް،
އެމް.ޑީ ޝާހާ ޢަލީ، ޚޯކޮން މާލިކުގެ އިތުރުން ޝަހާދަތު ޙުސައިން ކިޔާ މީހެއްކަމަށެވެ.
މި ގޮތުން ފުލުހުންވަނީ މި މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން އެ ސަރވިސްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު (9631696) މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
އެކިއެކި ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު މީގެ ކުރިން ވެސް އެފަދަ ފެސިލިޓީތަކުގައި ތިބި ބަންގްލަދޭޝް މީހުންތަކެއް ފިލާފައިވާތީ ފުލުހުންވަނީ އެ މީހުން ހޯދުމުގެ މަސައްކަތްކޮށްފައެވެ.