ކޮވިޑް-19 އަށް އިތުރު 199 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މި އެންމެންނަކީ ވެސް ހޯމަދުވަހުގެ ހަވީރު 18:00 އިން ފެށިގެން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނެވެ.
މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ 145 ދިވެހިންނާއި ބަންގްލަދޭޝްގެ 42 މީހުންނާއި އިންޑިއާގެ 5 މީހުންނާއި ލަންކާގެ 3 މީހުންނާއި އެމެރިކާގެ 2 މީހުންނާއި ޗައިނާގެ މީހެއްގެ އިތުރުން ޖަޕާނު މީހެއްކަމަށް އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވެއެވެ. އަދި އޭގެތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 168 މީހުންނާއި ރާއްޖޭގެ އެކި ހިސާބުން ޕޮޒިޓިވްވި 31 މީހުންކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8003 އަށް އަރާފައެވެ.
ރާއްޖެއިން ޖުމްލަ 8003 މީހުންނަށް މި ބަލި ޖެހިފައިވާއިރު އިތުރު 119 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ގޮތުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެތެރެއިން ޖުމްލަ 5265 މީހުން ވަނީ ރަނގަޅުވެފައެވެ. މީގެއިތުރުން މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.