ޤައުމަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި ނޫސްވެރިން ކުރަމުންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
”ކޯވިޑް ހުއްޓުވާނީ އަހަރެން“ މި ނަމުގައި ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ހިންގާ ކެމްޕޭން އިފްތިތާޙު ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި ކެމްޕޭނަކީ ޤައުމީ މަސައްކަތެއްގައި ގޮތުގައި ސިފަކުރައްވާފައެވެ.
މި ގޮތުން މީޑިއާތަކުން ކުރާ މަސައްކަތްތަކަށް ތަޢުރީފުކުރައްވަމުން ރައީސް ވިދާޅުވީ ނޫސްވެރިންނަކީ ޤައުމީ ކަންކަމަށް ނުހަނު އިސްކަންދޭ ބައެއްކަމަށެވެ. އަދި ޤައުމަށް ކުރިމަތިވާ މި ފަދަ އެކިއެކި ހާލަތްތަކުގައި ނޫސްވެރިން ކުރަމުން އަންނަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑުގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ބަލި ޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް ނުތަކާ ހާލަތަށް ކަންކަން ބަދަލުވެގެން ހިނގައިދާނެކަމަށެވެ. އަދި މި ބައްޔަށް ފަރުވާކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހުރި ކަމުގައިވިޔަސް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވާނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ގޮތުން އެ ފަދަ ހާލަތަކަށް ޤައުމުގެ ކަންކަން ނުދަނީސް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް ރައީސް ވަނީ ގޮވައިލައްވާފައެވެ.
ހަމައެއާއެކު ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވަނީ ޒަރޫރީ ބޭނުމެއްގައި ފިޔަވައި ޢާންމުންގެ ތެރެއަށް ނުނިކުތުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މާސްކު އަޅައިގެން މެނުވީ ބޭރަށްނިކުމެ ނޫޅުމަށާއި ގިނަގިނައިން އަތްދޮވުމަށާއި ސާފުތާހިރުކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.
ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި މިނިވަން މުއައްސަސާތަކުގެ ބައިވެރިވުން މި ކެމްޕޭނަށް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވަކިން ޚާއްސަގޮތެއްގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ދެއްވުމަށް ވެސް ގޮވައިލައްވާފައެވެ.