ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅައިބަލާއިރު ދިވެހިރާއްޖެއަކީ “އެންމެ ރައްކާތެރި އެއް މަންޒިލް“ ކަން ފާހަގަކުރައްވައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޝައުޤުވެރިވާ ފަތުރުވެރިންނަށް މި މެސެޖު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ”ކޯވިޑް ހުއްޓުވާނީ އަހަރެން“ މި ނަމުގައި ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ހިންގާ ކެމްޕޭން އިފްތިތާޙު ކޮށްދެއްވަމުން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނު ވަނީ ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އަޅާބަލާއިރު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެންމެ ރައްކާތެރި އެއް މަންޒިލުކަން ފާހަގަކުރައްވާފައެވެ.
މިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އަންނަ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް އަލުން ހުޅުވައިލުމުގެ ތައްޔާރީތައްވަމުން ގެންދާއިރު މި މެސެޖު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޝައުޤުވެރިވާ ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މި ގޮތުން ކަންކަމުގެ ޙަޤީޤަތްނޯޅޭ ގޮތަށް ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް ނޫސްވެރިންގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ދުުނިޔޭގެ އެހެން ޤައުމުތަކާއި އަޅައިބަލާއިރު ދިވެހިރާއްޖެއަކީ “އެންމެ ރައްކާތެރި އެއް މަންޒިލް“ ކަން ރައީސް ފާގަކުރައްވާފައިވާއިރު ރާއްޖެއިން މިހާތަނަށް 8003 މީހުންވަނީ ކޮވިޑްގެ ޝިކާރައަކަށްވެފައެވެ. މީގެ އިތުރުން މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުން މިއަދު ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ.