މީލާދީން 1926 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 02 ވަނަ ދުވަހެވެ. ރާއްޖޭގެ ދެކުނުން.. އާދެ ފުވައްމުލަކުން ވަރުގަދަ ޝަޚުޞިއްޔަތެއް އުފަންވެވަޑައިގަތް ދުވަހެވެ.
ޔަމަނުކަރައިގެ ހަޟަރަމައުތުގެ ބާޢަލަވީ ނުވަތަ ބަޢުލަވީ ދަރިކޮޅުގެ ކަތްޕެއްކަމަށްވާ މަލާބާރީ ޚާންދާނުގެ ބޭފުޅެކެވެ. ދިވެހި ތާރީޚު ބުނާގޮތުން ކޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަޚާ މަލާބާރީގެ ފުތް ޙަސަން ބޮޑުހަކުރާ މަނިކުފާނާއި، އަތިރީކަމަނާފާނުގެ ޙަސަން ހޮޅިހަކުރާ މަނިކުފާނުގެ ފުތް ވީރު ޢަލިދޮށިމޭނާ ކިލެގެފާނުގެ ފުތް ކީހި އިބްރާހިމްދީދީގެ ފުތް ވީރު ޙަސަންދީދީގެ ފުތް ޢަލީ މަލިމް މަނިކުފާނުގެ ފުތް މަލިންގޭ ޙަސަންދީދީ ވެލާނާ މަނިކުފާނުގެ ފުތް ވެލާނާގެ މުޙައްމަދުދީދީގެ ފުތް ވެލާނާ އަޙްމަދުދީދީއާއި، ފުވައްމުލަކު ގަނޑުވަރު މޫސާދީދީގެ ދި ޢާއިޝާދީދީގެ ދަރިކަލުން އިބްރާހިމް ނާޞިރެވެ.
މަދަރުސަތުއް ސަނިއްޔާ(މިހާރުގެ މަޖީދިއްޔާ ސުކޫލް) އިން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވި ނާޞިރު, 1945 މާޗް 23 ގައި، ސަރަންދީބު(ސިލޯނު) އަށް ވަޑައިގެން އެ ތަނުގެ ސެންޓް ލޯރެންސް ސްކޫލުން ތަޢުލީމު ހާސިލުކުރެއްވެވިއެވެ. މި ގޮތުން ސަރަންދީބުގައި ތަޢުލީމު ހާސިލުކުރައްވަން މަޑުކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ 1949 ޖެނުއަރީ 18 އިގައެވެ.
މާލެ ވަޑައިގެން 1949 ފެބްރުއަރީ 29 ގައި ސިފައިންގެ އޮފިސަރެއްގެ މަޤާމު ފުރުއްވާން ފެއްޓެވިއެވެ.
މީގެ އިތުރުން ފުރުއްވި މަޤާމުތަކުގެތެރޭގައި:
.ވަޔަރުލެސް އޮފީހާއި ވުޒާރަތުއް ސިއްހާގެ މަޤާމު. 2.މަޖީދީ ކުތުބުހާނާގެ ވެރިކަން.
3.ވުޒާރަތުލް މުއާސަލާތުގެ މަޤާމު.
4.އިލެކްޓްރިކް އޮފީހުގެ ވެރިކަން.
5.ވުޒާރަތުލް މާލިއްޔާގެ ވަކީލުކަން.
6.މަޙްކަމަތުލް އަމަންޢާންމުގެ ވަކީލުކަން.
7.ރައްޔިތުން މަޖިލީހުގެ ހެންވޭރު މެންބަރުކަން. 8.ހެންވޭރު އަވަށުވެރިކަން.
9.ވަޒީރުލް އަޢުޡަމްގެ ނާއިބުގެ ބަދަލުކަން. 10.ސިފައިންގެވެރިކަން.
11.މަޙްކަމަތުލް އަމީންޢާންމުގެ ވެރިކަން.
12.ވަޒީރުލް މާލިއްޔާގެ ނާއިބުކަން.
13.މުނިސިޕަލް ކައުންސިލްގެ ރައީސްކަން.
14.ވަޒީރުލް އަޢުޡަމްގެ ޤާއިމު މަޤާމުކަން.
15.އައްޑޫ ލިއެޒަން އޮފީހުގެ މާލޭގެ ވެރިކަން.
16.ވަޒީރުއް ދާޚިލިއްޔާކަން.
17.ވަޒީރުލް އަޢުޡަމްކަން.
18.ކަސްޓަމްގެ ވެރިކަން.
19.މަޙްކަމަތުލް އަޝްޣާލުގެ މަޤާމު.
20.ވަޒީރުލް މަޢާރިފްކަން.
21.ވަޒީރުއްތިޖާރާ ވައްތަންވީނުކަން.
22.އައްޑޫގެ މައްސަލަ ހަމަޖައްސާ ވެރިކަން
ޙިކުމަތްތެރިކަމާއެކު މި މަޤާމުތައް ފުރުއްވެވުމަށް ފަހު 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސްވީ ވަރަށް ވެސް ޚާއްސަ ދުވަހަކަށެވެ. އާދޭހެވެ. ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމަށް އެ މަނިކުފާނު އިސްވެވަޑައިގަތެވެ.
ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނު ޚާއްސަވަނީ ވަރަށް ވެސް ގިނަގުނަ ސަބަބުތަކާއި ހުރެއެވެ. އެ މަނިކުފާނުގެ ޚިދުމަތްތަކުގައި މިން އަޅާނެ “ފީތާ“ އެއް, ބަރުދަން ބަލާނެ “ތިލަފަތެއް“, ހޯދާނީ ކިހިނަކުންތޯއެވެ. އެހެނީ އެ މަނިކުފާނަކީ “ހިތުގެ އަޑިން ޢަޒުމުތަކެއް އެކީއެކަށް އެކަށައަޅާ“ ޤައުމު އިސްކުރެއްވި ބޭފުޅެކެވެ. ދީލަތިކަމާއެކު ޚިދުމަތަކަށްފަހު ޚިދުމަތެއްކުރައްވައި ވިދުވަރެއްހައި ހަލުވިކަމާއެކު ޤައުމަށް އިންޤިލާބުތަކެއް ގެންނެވި ބޭފުޅެކެވެ.
ކަން މިހެން ހުރިއިރު އެ މަނިކުފާނުގެ ޚިދުމަތްތައް އެންމެ ރަނގަޅަށް ތަފްސީލުކޮށްދޭނީ އަޅުގަނޑުގެ ’ގަލަމުގެ ތުނޑު‘ ކޮން ފުށަކުން ޖެއްސީމައިބާއޭ ހިތަށް އަރައެވެ. އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މިސާލު ޚަޒާނާއެއްގެތެރޭގައިވާ ރަންރިހީގެ މަޢުދަންތަކެއް ފަދައެވެ. ބަގީޗާއެއްގެތެރޭގައިވާ ވަސްމީރު މާތަކެއް ފަދައެވެ. އެހެނީ އޭގެ ޢަބީރު މި ދިވެހި ޖައްވުގައި އަދިވެސް ފެތުރިފައިވެއެވެ.
އެހެންކަމުން އަޅުގަނޑު ލޯމަރައިލާފައި އެ މަނިކުފާނުގެ ޚިދުމަތްތަކުގެ ޚަަޒާނާއިން ޚިދުމަތެއް ފެނޭތޯބަލައި ނަގާނެ ނުނަގާނެ އެއްޗެއް ނޭނގިގެން ނެގުނު އެއްޗެއްގައިވަނީ އެމަނިކުފާނަކީ ’ގަވަރމަންޓް‘ ހޮސްޕިޓަލެއްގެ ނަމުގައި ރާއްޖޭގައި ޒަމާނީ ހޮސްޕިޓަލެއް ހުޅުއްވައިދެއްވެވި ބޭފުޅާ ކަމަށެވެ. 1972 ގައި ދިވެހިންނަށް ފަތުރުވެރިކަމުގެ ސިނާޢަތު ތަޢާރަފުކޮށްދެއްވެވި ބޭފުޅާ ކަމަށެވެ. 1978 ގައި ރާއްޖޭގެ ކަންކޮޅުތަކުގައި ކޮމިއުނިޓީ ސުކޫލުތައް ހުޅުއްވެވި ބޭފުޅާ ކަމަށެވެ. ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމަށް ބޭނުންކުރާ އޮޑިފަހަރުގައި އިންޖީނު އެޅުން ތަޢާރަފުކުރެއްވި ބޭފުޅާ ކަމަށެވެ. އަދި ނިމުނީކީ ނޫން އިނގޭތޯއެވެ!
އަނެއްކާ ވެސް ލޯމަރާލައިފައި ނެގޭތޯ ބަލާނަމެވެ. އާދެ! އެ މަނިކުފާނަކީ 1966 ގައި ރާއްޖޭގައި ވައިގެ ބަނދަރު އެޅުމުގެ މޭސްތިރިޔާއެވެ. ދުނިޔޭގެ ޤައުމުތަކާއި ސިޔާސީގުޅުން ޤާއިމުކުރައްވަން ފެއްޓެވި ޙިކުމަތްތެރިޔާއެވެ. ވޯރާ ވިޔަފާރިވެރިންގެ އިޤުތިޞާދީ އަޅުވެތިކަމުގެ 105 އަހަރަށްފަހު ރާއްޖޭގެ ވިޔަފާރިތައް މިނިވަންކުރެއްވި ޚިދުމަތްތެރިޔާއެވެ. 1965 ޖުލައި 26 ގައި އިނގިރޭސީންގެ ކިބައިން ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރައްވައި މިނިވަންކަމުގެ މަގުގައި ޤައުމު ހިންގަވައިލެއްވި ހިންގުންތެރިޔާއެވެ.
އާދޭހެވެ. މިފަދަ މިފަދަ ކިތަންމެ ޚިދުމަތެކެވެ. އަޅުގަނޑު މި ބަޔާންކުރީ ވަރަށް ވެސް މަދު މިންވަރެކެވެ. ނަމަވެސް މި ޚިދުމަތްތަކަށް އެކަނި ބަލައިލިޔަސް އޭގެ ބުރަދަނުގެ ބޮޑުކަމުގެ އިހުސާސްކުރެވެއެވެ. ކަން މިހެން ހުރިއިރު ސެޕްޓެމްބަރު 02 ގެ ބަޠަލޭ ނުދެންނެވޭވަރުތޯއެވެ!