ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާ ހުރިހައި އެއްބަސްވުމެއް ބާޠިލްކުރައްވާނެކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އަންގާރަދުވަހުގެރޭ ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ “ވަގު ވަގަށް“ ތިބެ ޤައުމު ވިއްކައިލުމުގެ އެއްބަސްވުންތައް ހަދަމުންދާނެކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާ ހުރިހައި އެއްބަސްވުމެއް ކޮންމެ ޤައުމަކާއެކު ހެދި ނަމަވެސް އެ އެއްބަސްވުމެއް ބާޠިލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނަކީ ރާއްޖޭގެ ސިޔާދަތު ގެއްލުވައިލުމަށާއި ރާއްޖެ ދަރަނިވެރިކޮށްފައިވާ ބަޔެއްކަމަށް ސިފަކުރައްވައި ރައީސް ނަޝީދު ވަނީ އިދިކޮޅުގެ ބައެއް ފަރާތްތަކުން ގެންދަވަނީ ޤައުމު ވިއްކައިލިކަމަށް ބުނެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އަޅުވަމުންކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނުގެ ޒަޢާމަތުގައި ޗައިނާއާއި އެކުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދަރަނީގެ އަޅުވެތިކަމަކަށް ރާއްޖެ ގޮސްފައިވާކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.