ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ލިޔުއްވި ފޮތް ”ދެރަދުން“ ނެރުއްވަން ބޭއްވި ހަފްލާތަކަކީ ސިޔާސީ ޕާޓީއަކިން އިންތިޒާމް ކޮށްގެން ބޭއްވި ހަފްލާތަކެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވިކަމަށް ނިންމާ ޕީޕީއެމް އަދި ޕީއެންސީ 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުން އެޕާޓީއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ފާޑުކިޔަމުން ދަނިކޮށެވެ. އިދިކޮޅު ކޯލިޝަނުން ބުނަމުން ދަނީ ރައީސް ނަޝީދު އެކި ތަންތާގައި މާސްކު ނާޅާ އުޅުއްވާ ކަމަށާއި، އަދި އެމަނިކުފާނުގެ ދެރަދުން ފޮތް ނެރުމަށް ބޭއްވި ހަފްލާތަކުގައި ވެސް އެޗްޕީއޭގެ އެންގުންތަކާއި މުޅިން ހިލާފަށް އަމަލު ބެހެއްޓެވި ކަމަށެވެ.
މިކަމާއި ގުޅިގެން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އީސީ ގެ ރައީސް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ބޭއްވި ހަފްލާ ތަކަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރި ހަފްލާތަކެއް ނޫން ކަމަށާއި، އީސީއަށް ލިބިދޭ ބާރުގެ ތެރެއިން ވަކި ވަކި ފަރުދުން ކުރާ ކަންކަމަށް ފިޔަވަޅު އެޅޭނެ ޖާގަ ލިބިދީފައި ނުވާކަމަށެވެ.
”ރައީސް ނަޝީދު ފޮތެއް ނެރުމަށް ޓަކައި، ބައެއް ރެސްޓޯރަންޓްތަކުގައި، ފޮތުގައި އޮޓޮގްރާފް ދޭން އިންނެވިއިރު، ކައިރީގައި މީހަކު އައިސް ހުރިއިރު ވެސް މާސްކް ނާޅާ ތިބި، އެކަމަކު އެއީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭ، އެއީ ސިޔާސީ ޕާޓީއަކުން ހިންގި ހަރަކާތަކަށް ނުވާތީ،“ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އޭނާގެ ދައުރުގައި މިހާތަނަށް ޕީޕީއެމްއާއި ޕީއެންސީގެ އިތުރުން އެމްޑީޕީއާއި، ޑީއާރުޕީއާއި، އެމްޑީއޭއާއި، އެމްޓީޑީއަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މިގޮތަށް ޝަރީފް ވިދާޅުވީ، އީސީ އިން ހަމަ އެކަނި ފިޔަވަޅު އަޅަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީއަށް ކަމަށްބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު މާސްކް ނާޅުއްވާ އިންނެވި މައްސަލާގައި މިހާތަނަށް ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނާޅާ ކަމެއް ސާފެއް ނުވެއެވެ. އެ މައްސަލައާ ގުޅިގެން ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ވެސް މިހާތަނަށް ފުލުހުން ޖަވާބު ދެއްވާފައެއް ނުވެއެވެ.