ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އެހެނިހެން ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރް ޓެސްޓުހެދުން މަޖުބޫރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހައި ފަތުރުވެރިންނާއި އެހެނިހެން ދަތުރުތަކުގައި އަންނަ ފަރާތްތަކަށް ރާއްޖެއަށް އެތެރެވެވޭނީ ޕީސީއާރް ޓެސްޓް ނެގެޓިވްވުމުން ކަމަށެވެ.
އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން މި ކަމަކީ މަޖުބޫރުކަމެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުސްވި ޖުލައިމަހުގައި އަލުން ބޯޑަރު ހުޅުވައިލި ނަމަވެސް މީގެކުރިން ރާއްޖެ އަންނަ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހަދާކަށް ނުޖެހެއެވެ.
ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ޤައުމަށް ފުރުމުގެކުރިން މި ޓެސްޓު ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މި ގޮތުން މާލޭ ސަރަހައްދުގެ 03 ހޮސްޕިޓަލަކުންނާއި ކުޅުދުށްފުށި ސިޓީއާއި އައްޑޫ ސިޓީން ވެސް މި ޓެސްޓު ހެދޭނެއެވެ. ހަމައެއާއެކު ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށްދާން ބޭނުންވާ ފަރާތްތަކަށް ޓެސްޓު ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާރމިނަލް ސަރަހައްދުންނެވެ.