އެމްޑީޕީގެ ލީޑާޝިޕަކަށް ނުވިސްނޭ ފުލުހުންގެ ޚިދުމަތުގެ މުހިއްމުކަން އެ ވިސްނުން އޮތީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ސަރުކާރުގައި ހުޅުމާލޭގައި ބިނާ ކުރަން ފަށައި ބޮޑު ބައެއް ނިންމި ފުލުހުންގެ މަރުކަޒު ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތާ ގުޅޭ ޙަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންޑރ.ޖަމީލް އެގޮތަށް ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީގެ ތަސައްވުރެއް ލީޑަރުންގެ އަތުގައި އޮންނަން ޖެހޭނެ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރި މަސައްކަތުން ހުޅުވުނު އިމާރާތުން ވެސް އެކަން ފެނިގެންދާ ކަމަށް ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވީއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވި ޕީޕީއެމާއި ޕީއެންސީއަކީ ބިނާ ކުރާ ފިކުރެއް ކަމަށެވެ.
ޑރ.ޖަމީލް ކުރެއްވި 2 ވަނަ ޓްވީޓެއްގައި އިޝާރާތް ކުރެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގައި ހިނގައިދިޔަ ކަންކަމަށެވެ. އެއީ އެމްޑީޕީގެ ސަރުކާރު އިސްތިއުފާދިން ދުވަހާ ޖެހިގެން އައި ދުވަހެވެ.
މާލެ މަގުމަތީގައި މުޒާހަރާކުރި އެމްޑީޕީގެ ލީޑާޝިޕާއި ފުލުހުންނާ މެދު ހަމަނުޖެހުންތައް ހިނގިއިރު ބައެއް ރަށްރަށުގައި ހުރި ދައުލަތުގެ މުދާތަކުގައި ރޯކޮށް ގެއްލުން ދީފައިވެއެވެ.
”އެމްޑީޕީގެ ލީޑަޝިޕުން ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް އަނިޔާ ކުރުމަށް ގޮވައި ހިންގާފައިވާ ކަންކަމަށް ފުލުހުންނާއި ސިފައިންގެ ކިބައިން މައާފަށް އެދެން ޖެހޭ. ކުރީގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ވެސް ފުލުހުންގެ ޚިދުމަތުގެ މުހިންމުކަން އުނގަންނައި ދޭން ޖެހޭ،“ ކުރީގެ ނައިބް ރައީސް ޑރ.ޖަމީލު ލިޔުއްވާފައިވެއެވެ.
ޑރ. ޖަމީލު މިފަދަ ގޮތަކަށް ފާޑުވިދާޅުވެފައިވީ އިރު ރައްޔިތުންގެ މަޖިލީހަށް ފުލުހުންގެ ޙިދުމަތުގެ ބިލް އެމްޑީޕީން ހުށަހަޅާފައި އެ ބިލްގެ ބަހުސްގެ މަރުހަލާގައި އެމްޑީޕީގެ މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބަޔެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަ ދައްކަވައިފައެވެ.