ހުޅުމާލޭގައި ”ފުދޭވަރަކަށް ޗައިނާގެ ސިފައިން އެބަތިބި“ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ޗައިނާ ސިފައިން އެބަތިބި ކަމަށް ވިދާޅުވުމަށް ފަހު ރައީސް ނަޝީދު ވަނީ އެމްއެންޑީއެފުން އެކަންކަން ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ ”އެލެކްސް އަހްމަދު“ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
ޗައިނާ އަށް ދިވެހިރާއްޖެ ދަރާއޮތް ކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަ ތަކުރާރު ކުރައްވަމުން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޑީސީ އިން 1.4 ބިލިއަން އެމެރިކާ ޑޮލަރަށް ޗައިނާއަށް ދަރާފައި އެބައޮތް ކަމަށެވެ.
”އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ. ނުދެއްކޭނަމަ ބުނާނެ ބުރިޖާއި މަގާއި އަދި 7000 ފްލެޓް ދޭށޭ. ތިމަންނަމެން އެތަންތަނަށް މީހުން ވައްދާނަމޭ. އަގުބޮޑުކޮށް ހެދީ ދަރުވާލަން. މިއަށް ކިޔަނީ ޑެބްޓް ޓްރެޕް. ދަރަނީގެ ދަންތުރަ.“ އެލެކްސް އަހްމަދުގެ ނަމުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެ އަށް ދީފައިވާ ލޯނުތަކަކީ ދަންތުރައެއް ކަމަށް ރައީސް ނަޝީދު އަބަދު ވެސް ވިދާޅުވަމުން ގެންދަވާކަން ފަހަގަ ކުރަމެވެނެވެ.